ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން ސްވިޒަލޭންޑުގައި ސީދާ މަޝްވަރާތައް ފަށައިފި އެވެ.
ވަގުތީ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށް ވަނީ އިގުރާރުވެފަ އެވެ. މީގެ އިތުރުން ލުބުނާނު ހިމެނޭހެން ހުރިހާ ހިސާބެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.
ނަމަވެސް، އިސްރާއީލުން ދަނީ އަދިވެސް ލުބްނާނަށް ހަމަލާދެމުންނެވެ. ރައްދުގައި ހޯރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށް އީރާނުން ބުނެ އެވެ. އެހެން ނަމަވެސް، އުޅަނދުތައް ދަތުރުކުރާ ގޮތުގެ މައުލޫމާތުން ދައްކާ ގޮތުގައި އެ ސަރަހައްދުގައި އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތެވެ.
މަޝްވަރާތައް ފެށުމާއެކު، ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ލުބުނާނުގައި ހަމަނުޖެހުން ހިންގަމުންދާ އީރާނުގެ "ޕްރޮކްސީ" ހިޒްބުﷲ ޖަމާއަތް ހުއްޓުވުމަކީ އީރާނުގެ ޒިންމާއެއް ކަމަށެވެ،
އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، އީރާނަށް "އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް" ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، ނިއުކްލިއާ މައްސަލަ އާއި ލުބުނާނުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދާއިމީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތައް ބިނާވެފައިވަނީ މިހާރު ހުރި އިގުރާރުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ. މީގެ ތެރޭގައި ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލުން ހިމެނޭ ކަމަށާއި، އާދީއްތަ ދުވަހުގެ މަޝްވަރާތައް ބިނާވެފައިވަނީ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެންސްގެ އަރިހުގައި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އާއި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ބައިވެރިވެވަޑައިގެންނެވި އެވެ.
އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް، ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސްވިޒަލޭންޑަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި ވަފުދުތަކާ އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މުޅި ހަނގުރާމައިގެ ތެރޭގައި ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. އަދި މީގެ ކުރިން އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ބުރެއް ވެސް ޕާކިސްތާނުން ވަނީ ހޯސްޓްކޮށްފަ އެވެ.
އެމެރިކާ އާއި އީރާނުގެ ސީދާ މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ