"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގޭގް އަމުރު އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ބާ ކައުންސިލުން ތަދައްހުލް ވެއްޖެ އެވެ.
ބާ ކައުންސިލުން މިއަދު ބުނި ގޮތުގައި ޑިއު ޕްރޮސެސް އާއި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނެގެހެއްޓުމަށް އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެގް އަމުރުގެ އިސްތިއުނާފުގެ މައްސަލައަށް ތަދައްހުލްވާން ހުށަހަޅާފައިވާ ކަމަށެވެ.
އެ އަމުރު އިސްތިއުނާފު ކުރަން ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ފަރާތުންނެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާތީ ފަހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އަމުރު ނެރުނު މައްސަލަ ރައްދުވާ އެއް ފަރާތް ކަމަށްވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ.
ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ފިޔާޒު އަދި ހަސަން އަހުމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.
The most trusted news source in the Maldives
ބާ ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިއު ޕްރޮސެސް އަދި އިންސާފު ގާއިމުކުރުމުގެ އުސޫލުތައް ހަނިވަމުންދާ ކަންތައްތަކެއް ހިނގަމުންދާ ކަމަށެެވެ.
އޭގެ ތެރޭގައި، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިން ޖަލަށްލުމާއި ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން އާންމުން ވާހަކަ ދެއްކުން ހަނިވާނެހެން ފުޅާ ދާއިރާއެއްގައި އަމުރުތައް ނެރުމާއި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ހުޅުވާލައިގެން ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހައްގަށް ހުރަސްއެޅޭ ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ.
ބާ ކައުންސިލުން ބުނީ ދައުލަތުން އަމަލުތައް ބަހައްޓަން ޖެހޭނީ ގާނޫނުއަސާސީއާ އެއްގޮތަށް، ޑިއު ޕްރޮސެސް ކަށަވަރުކުރުމާ އެކު، ގާނޫނުތަކުން ރައްކާތެރިކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ފުށުނާރާނެ ގޮތަށް ކަމަށެވެ.
ގޭގް އަމުރުގެ އިސްތިއުނާފު މައްސަލައަށް ބާ ކައުންސިލުން ވަދެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ