ދަރަނި ދެއްކުމުން، ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި، އަދިވެސް ކަންބޮޑުވުންތައް އެބަހުރި!

ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކޮށްފިއެވެ.
ފިޗުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން މިހާރު ވަނީ ސީސީ އިން ”ސީސީސީ-“ އަށް ބަދަލުކޮށްފައެވެ.
ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރަން ނިންމި މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް، މިދިޔަ އޭޕްރިލް މަހު ރާއްޖޭން އަނބުރާ ދައްކާފައިވުމެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ބޭރުގެ އެންމެ ބޮޑު އެއް ދަރަނި އަދާކުރުމަކީ އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކަކުން ސަލާމަތްވުމަށް އެޅުނު ފިޔަވަޅެކެވެ.
ރޭޓިންގްސްއާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ ބައިނަލްއަގުވާމީ އިގްތިސާދީ ދަތިތަކުގެ ތެރޭގައިވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އިތުބާރެއް ކަމަށެވެ. ނަމަވެސް، ރޭޓިން މަތިކުރި ނަމަވެސް ރާއްޖޭގެ އިގްތިސާދަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފިޗްގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުން ފާހަގަކުރި އެވެ.
ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގްރޮސް ރިޒާވްގައި މިހާރު ހުރީ އެންމެ މަހެއްގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ.
މީގެ އިތުރުން، ދިވެހި ފައިސާ މާކެޓުގައި އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ބޮޑުވެ، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މި އަހަރުގެ ފިސްކަލް ޑެފިސިޓް، ސަރުކާރުން އަމާޒު ހިފާފައިވާ 7.1 އިންސައްތައިގެ ބަދަލުގައި 14.6 އިންސައްތައަށް އުފުލިގެންދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ