ބީއެމްއެލްގެ ސުކޫކްގެ މަގުސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިގްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ. "މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" ޒަމީރު ވިދާޅުވިއެވެ. https://sun.mv/221608 ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިގްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމެވެ. މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަޞީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ފަތުރުވެރިކަމުގެ ދާއިރާއިން އިގްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ރާވާފައިވާ މަސައްކަތެއް،" ޒަމީރު ވިދާޅުވިއެވެ. https://x.com/MoosaZameer/status/2062210217014882802 މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް' 'ސީސީ'އިން 'ސީސީސީ މައިނަސް'އަށް މަތިކުރުމާ ގުޅިގެންނެވެ. ފިޗްއިން ހާމަކުރި ގޮތުގައި މި ކުރިއެރުމަކީ، މައިގަނޑު ގޮތެއްގައި، މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމުގެ ސަބަބުން ދީފައިވާ ރޭޓިންގްއެކެވެ. އަދި އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން އިތުރުވާނެ ކަމަށްވެސް ފިޗްއިން ފާހަގަކޮށްފައިވެއެވެ. https://sun.mv/222821 އެ ރޭޓިންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އީރާން ހަނގުރާމައިގެ ސަބަބުން ކުރު ރާސްތާގައި ރާއްޖޭގެ އިގުތިސާދަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ. އެހެންނަމަވެސް ފިސްކަލް އަދި މަނިޓަރީ ޕޮލިސީގެ ރިފޯމްތަކާއި ބޭރު ފައިސާގެ ލިކުއިޑިޓީ އައުޓްލުކް ރަނގަޅުވެފައިވުމުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ އެފަދަ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމާއެކު އިގުތިސާދީ ހަރަކާތްތައް މެދުނުކެނޑި ކުރިއަށްގެންދަން ސަރުކާރުން ރާވައިފައިވަނީ ދައުލަތުގެ ޚަރަދުތައް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް އަމާޒު ކަނޑައަޅައިގެން ކަމަށް ބަޔާނުގައިވެއެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އިންވެސްޓްމެންޓްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަރަކާތްތަކާއި އިގުތިސާދީ ވިލުންވެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވި ދުނިޔޭގެ އިގުތިސާދީ ހާލަތު ހަމަޖެހުމާއެކު ރާއްޖޭގެ އިގުތިސާދު އާންމު ހާލަތަކަށް ހަލުވިކަމާއެކު ރުޖޫއަވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރާ ގުޅިފައިވާއިރު، ފާއިތުވި ދެ އަހަރުގެ ފިޗުން އޮތީ ރާއްޖޭގެ ރޭޓިން ދަށްކޮށް ހިފަހައްޓައިފައެވެ. އެގޮތުން ރާއްޖެ ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ'އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ދެމެހެއްޓިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ