ތިން ވޯލްޑް ކަޕް ދިމާކުރި ކްލެމެންޓް: ޕޯޗުގަލް ބަލިކޮށް 2026 ގެ ޗެމްޕިއަނަކީ ނެދަލެންޑްސް

ދުނިޔޭގެ އެންމެ ފަހުން ބޭއްވުނު ތިން ވޯލްޑް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު، ފްރާންސް އަދި އާޖެންޓީނާ, މުބާރާތުގެ ކުރިން ދިމާކޮށް މުޅި ދުނިޔެ ސިއްސުވާލި ޖަރުމަނުގެ އިގްތިސާދީ މާހިރު އަދި ސްޓްރެޓެޖިސްޓް ޔޯސިމް ކްލެމެންޓް، އޭނާގެ ހާއްސަ ހިސާބު ފޯމިއުލާއިން ބަލައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ގައުމަކީ ނެދަލޭންޑްސް ކަމަށް ބުނެފިއެވެ. އިގްތިސާދީ ކުރިއެރުންތައް ލަފާކުރުމުގައި ހުންނަ ހުރަސްތައް ދެއްކުމުގެ ގޮތުން ސަމާސާއަކަށް ފެށި މި މަސައްކަތް، މިއަދު ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ އަޖައިބުުރުވަނިވި އެއް ހަގީގަތަށެވެ. ކްލެމެންޓް މި ތަފާތު ހިސާބު މޮޑެލް ތައްޔާރުކޮށްފައިވަނީ ހަމައެކަނި ފުޓްބޯޅައިގެ ހުނަރަށް ބަލައިގެންނެއް ނޫނެވެ. އޭނާގެ ފޯމިއުލާގައި ފީފާ ރޭންކިންގެ އިތުރުން، އެ ގައުމެއްގެ އިގްތިސާދީ ހާލަތާއި, އާބާދީގެ ނިސްބަތާއި އަދި މިނޫންވެސް ތަފާތު ތަފާސްހިސާބުތައް އެކުލެވޭ ގޮތަށް ޓީމުތަކުގެ ކުޅުން ސިމިއުލޭޓް ކުރެއެވެ. މިގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ކުރިން ޖަރުމަނު މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އޭނާ ބުނިއިރު ގިނަ ބަޔަކު އެއީ އިއްތިފާގެއް ކަމަށް ނިންމިއެވެ. ނަމަވެސް، 2018 ގައި ފްރާންސް އަދި 2022 ގައި އާޖެންޓީނާ ތަށި އުފުލާނެ ކަމަށް ބުނެ އެ މޮޑެލްއިން ނެރުނު ނަތީޖާ ދިމާވުމުން، ބޮޑެތި ބެޓިން ކުންފުނިތަކާއި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކަށް ސިހުން ލިބުނެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ތައްޔާރުވަމުންދާ 2026 ގެ ވޯލްޑް ކަޕަށް ކްލެމެންޓްގެ ފޯމިއުލާ އަނެއްކާވެސް ބޭނުންކޮށްފައިވާއިރު، މިފަހަރު އޭނާގެ ހިސާބުތަކުން ދައްކަނީ މުޅިން އާ ޗެމްޕިއަނެކެވެ. އޭނާގެ މޮޑެލްއިން ދައްކާ ގޮތުގައި މިފަހަރުގެ ތަށި ނަގާނީ ނެދަލޭންޑްސް އެވެ. އަދި ފައިނަލްގައި އެ ޓީމާ ވާދަކުރާނީ ޕޯޗުގަލް ކަމަށްވެސް އޭނާގެ ހިސާބުތަކުން ދައްކައެވެ. ކްލެމެންޓް އަމިއްލައަށް ވެސް މިއީ ސައްތައިން ސައްތަ ޔަގީން އެއްޗެއް ނޫން ކަމަށާއި، މިއަށް ފާޑުކިޔާ ވިސްނުމަކުން ބަލަންޖެހޭނެ ކަމަށް ބުނި ނަމަވެސް، ޖެހިޖެހިގެން ތިން މުބާރާތް ދިމާކޮށްފައިވުމުން ދުނިޔޭގެ ފުޓްބޯޅަ ފޭނުންގެ މެދުގައި މިހާރު މިވަނީ ބޮޑު ބަހުސެއް ފެށިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ