ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ
މ. ވޭވަށު ކައުންސިލް މެންބަރެއްގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި އޮތް އޮތުން, ހައި ކޯޓުގެ ހުކުމަކާއެކު ބާތިލުކޮށް، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު މައްސަލައިގެ އަޑު އެހުން ސުޕްރީމް ކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުގައި، ވޭވަށު އިންތިޚާބުގެ މައްސަލަ ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނަށެވެ. މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ. މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރު ކަމަށް ދެ މީހަކު ވާދަކުރިއެވެ. އޭގެ ތެރެއިން، ދެ ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެކަމަކު ހައިކޯޓުގެ ހުކުމާއެކު، އެ ނިންމުން ބަދަލުވެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ. https://sun.mv/221936 ހައިކޯޓުން މި މައްސަލަ ނިންމިއިރު، ފަނޑިޔާރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަޣުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިޚާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިޚާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެމްޑީޕީގެ ފަރާތުންނާއި އަހްސަންގެ ފަރާތުންނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ވޭވަށު ކައުންސިލްގެ މެންބަރުން ހުވައި ކުރިއިރު، މައްސަލަ ދިމާވެގެން އުޅޭ ކެންޑިޑޭޓު ހުވައި ނުކުރެއެވެ. މި މައްސަލަ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެވީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ. ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ