ހުޅުމާލޭގެ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް؛ އެންމެ މޮޅު ވީޑިއޯއަކަށް 8،000 ރުފިޔާ
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ. އެޗްޑީސީން ބުނީ އެ މުބާރާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެ މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެއެވެ. އެޗްޑީސީން ވަނީ އެ ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، އެޗްޑީސީ މޯލްޑިވްސް އަދި މައި ހުޅުމާލެ ޓެގް ކުރުމުގެ އިތުރުން LifeinHML# ހޭޝްޓެގް ބޭނުންކުރުމަށް އެދިފައެވެ. އެޗްޑީސީން ބުނީ މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިން ކަމަށެވެ. އެގޮތުން، މި މުބާރާތުން އެއްވަނައަށްދާ ވީޑިއޯއަކަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނައަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000 ރުފިޔާ ދެވަނައަށްދާ ފަރާތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާ ގެ ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީއިން ވަނީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައި ވާކަމަށް ބުނެފައެވެ. އެގޮތުން، ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ