ރައުދުގެ ބަންދު އަޑުއެހުންތައް ފުލުހުން އެދިގެން ސިއްރުކޮށްފި
މި މަހުގެ 18ވަނަ ދުވަހު ހެނދުނު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުއާއެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދު މުއްދަތު އަޑުއެހުންތައް ސިއްރުކުރަން ނިންމައިފިއެވެ. ކްރިމިނަލް ކޯޓުގައި ކޮންމެ ދުވަހަކު ވެސް ބަންދު މުއްދަތު ޖަހަން ކުރިއަށްގެންދާ އަޑުއެހުންތަކުގައި މައްސަލަ ނިމޭ ގޮތުގެ ޚުލާސާ އާންމުކުރެއެވެ. އެގޮތުން ރައުދުގެ މައްސަލައިގައި ވެސް އެންމެ ފުރަތަމަ ބަންދު މުއްދަތު ޖަހަން އޮތް އަޑުއެހުމުގައި ކަންހިނގި ގޮތް ވަނީ އާންމުކޮށްފައެވެ. https://sun.mv/205219 ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާއި ޔުމްނުއާ ދެމެދު އެ ރޭ ހަމަނުޖެހުމެއް ހިނގިކަން އެނގުނީ ވެސް އެ ރޭ ހާމަކުރި މުއްދަތު މަޖިލީހުގައި ކަން ހިނގި ގޮތުގެ ޚުލާސާއިންނެވެ. އެ ނޫން ވެސް މުހިންމު މައުލޫމާތުތައް، މަައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ އެ ރޭ އަމުރުގައިވަނީ ހާމަކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ރައުދުގެ ބަންދަށް ފަސް ދުވަސް ޖެހުމަށްފަހު، މުއްދަތު ހަމަވުމުން މިއަދު ވަނީ 10 ދުވަސް ޖަހައިފައެވެ. ނަމަވެސް މުއްދަތު ޖެހި މަޖިލީހުގައި ކަން ހިނގި ގޮތް އާންމުކޮށްފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ކްރިމިނަލް ކޯޓުން އަޑުއެހުމުގައި ކަން ހިނގި ގޮތް އާންމުކޮށްފައި ނުވަނީ ގޮތުގައި މި މައްސަލައިގައި ބަންދު މުއްދަތު މަޖިލިސްތައް ސިއްރުކުރަން ފުލުހުން އެދުމުންނެވެ. ޒުވާނުންނާއި ހިމެނޭހެން މުޅި ރާއްޖޭގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ. މައްސަަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނިކޮށް ރައީސް ޑރ. މުއިއްޒު ވަނީ މި މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއި މިނިވަންކަމާއެކު ހިނގާތޯ ކަށަވަރުކުރާނެ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެ ހާދިސާ ހިނގި ދުވަހުގެ ރޭ ޔުމްނު އުޅުނީ އިތުރު އަށް މީހަކާ އެކު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އެ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ ހާދިސާ ހިނގައިފައި ވަނީ ހ. ފެންޓެނޯއީ ކިޔާ ގެއެއްގައެވެ. އޭގެ ކުރިން އެ ރޭ ޔުމްނުއާއި ރައުދުު މއ. މާންދޫގޭދެކުނުގެ އާއި ހ. ކަށިވެލިގެއަށް ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ