ހިޔާވަހި ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު މި ފެށޭ މަހުގެ ނިޔަލަށް އިތުރުކޮށްފި

ބޯހިޔާވަހި ކަމަށް ދޫކުރާ "ހިޔާވަހި ފައިނޭންސިން" ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު، މި ފެށޭ މެއި މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފިއެވެ. ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ހިޔާވަހި ސްކީމް އިފުތިތާހުކުރީ މިދިޔަ ނޮވެންބަރު ފަހެއްގައެވެ. އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ އެކްސްގައި ވިދާޅުވީ އަށެއް ނޮވެންބަރު 2024 އިން ފެށިގެން ހިޔާވަހި ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް މި ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށް ވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުންނެވެ. އެއާއެކު މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަން މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފައެވެ. https://x.com/muththo/status/1917600196692959507 މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަ ކޮށްފައެވެ. މީގެ ކުރިން ރައީސް މުއިއްޒު ވަނީ، މި ސްކީމް ދާއީމީ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އެއް ބިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އަހަރު ތެރޭ ދޫކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ