މަޝްހޫރު ލުއެވޭ ބްރޭންޑުން ރޯދަ މަހަށް ހާއްސަކޮށްގެން ރިހި ކުލައިގެ 'ކެޕްސޫލް' ކަލެކްޝަންއެއް އާދީއްތަ ދުވަހު ވަނީ ނެރެފަ އެވެ. ޑިޒައިނަރު ޖޮނަތަން އެންޑަސަން ފަރުމާކޮށްފައިވާ މި ކަލެކްޝަނުގައި ނިވާކަންބޮޑު އެކި ވައްތަރުގެ ހެދުމާއި ހިތްގައިމު ރިހި އަތްދަބަސް ހިމެނެ އެވެ.
މެދު އިރުމަތީގެ ބޮޑެތި ބައެއް ފިހާރަތަކުންނާއި ލަންޑަނުގެ ހެރޮޑްސްއިން ލިބެންހުރި މި ކަލެކްޝަން ރަސްމީކޮށް އިއުލާނު ކުރުމުގެ ގޮތުން ލުއެވޭ އިން ވަނީ ކުރު އެކަމަކު ނަލަ ފެޝަން ވީޑިއޯއެއް ޝާއިއުކޮށްފަ އެވެ. ލުބުނާންއަށް ނިސްބަތްވާ މަޝްހޫރު ޑައިރެކްޓަރު ޑާނާ ބުލޮސް އުފައްދާފައިވާ މި އިޝްތިހާރުގައި ލުއެވޭގެ ކަލެކްޝަންގެ ހެދުން ލައިގެން މޮޑެލުންގެ އިތުރުން ސައުދީ އެކްޓްރެސް ސާރާ ތައިބާ އާއި ސައުދީގެ އޮލިމްޕިކް 'ރޯވާ' ހުސެން އަލީ ރިޒާ ވެސް ފެނެ އެވެ.
މި ކަލެކްޝަންގެ މައިގަނޑު ތީމް އަކީ 'މެޓަލިކް' ރިހި ކުލަ އެވެ. ލުއެވޭގެ އެންމެ ފާހަގަކޮށްލެވޭ ޑިޒައިންތައް މި ތީމްގެ ދަށުން ފަރުމާކޮށްފައިވެ އެވެ. މި ބްރޭންޑުގެ މަޝްހޫރު 'ޕަޒްލް' އަތްދަބަސް އަދި 'ފްލެމެންކޯ' ކްލަޗް ވަނީ ރިހި ކުލައިގެ ޑިޒައިންއެއްގައި ގެެނެސްދީފަ އެވެ.
މި ކަލެކްޝަންގައި އަޅި ކުލައިގެ ސިލްކް ފޮތީގައި 'ބެލްޓެޑް ޕިޖާމާ' ސްޓައިލްގެ ހެދުމާއި 'ސްޕެޝަލިޓީ ލެދާ' ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފިރިހެނުންގެ ގަމީހަކާއި ފަޓުލޫނު ހިމެނެ އެވެ. މީގެ އިތުރުން ރިހި ޗޭނު ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ އައިވޮރީ އަދި 'ޑަސްޓީ' ނޫ ކުލައިގެ ސިލްކް ފޮތީގައި ހުރި ހިތްގައިމު ހެދުންތަކެއް ހިމެނެ އެވެ.
ސްޕެއިންއަށް ނިސްބަތްވާ ލުއެވޭއަކީ ދިގު ތާރީހެއް އޮތް ބްރޭންޑެކެވެ. ލުއެވޭ ފުރަތަމަ ފެށުނީ 1846ގައި މެޑްރިޑްގައި ލެދާއިން ތަކެތި އުފައްދާ ވިޔަފާރިއެއްގެ ގޮތުގަ އެވެ. އަދިއަދަށްދާންދެން ވެސް ލުއެވޭއިން ފެންވަރު ރަނގަޅު ލެދާގެ އުފެއްދުންތައް ނެރެ އެވެ. އަދި މީގެ އިތުރުން ހެދުމާއި އެކްސެސަރީޒް އަދި ސެންޓު ވެސް މިހާރު އުފައްދަ އެވެ.
ލުއެވޭ އިން ބުނިގޮތުގައި ސްޕެއިން އާއި އަރަބި ދުނިޔޭގެ ސަގާފީ ނުފޫޒުތަކުން ހިޔާލު ލިބިގެން އުފައްދާފައިވާ ރަމަލާން ކަލެކްޝަންއަކީ ދެ ސަގާފަތެއް ގުޅުވައިދޭ ހާއްސަ ފެށުމެކެވެ.
ލުއެވޭ ބްރޭންޑުން ރޯދަ މަހަށް ހާއްސަ ކަލެކްޝަންއެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ