މަކުނުދުއަށް ދިޔަ ފުރަތަމަ ކްރޫޒްލައިނާ: ދައްކާލީ ދިވެހިންގެ އިހުގެ ވައްޓަފާޅި

ހދ. މަކުނުދުއަށް ފުރަތަމަ ފަހަރަށް އިއްޔެ ލަގްޒަރީ ކްރޫޒްލައިނާއެއް ހިނގައްޖެ އެވެ. 'އެމްއެސް ހެބްރިޑިއަން ސްކައި'އިން ފޭބި ޓޫރިސްޓުންނަށް އެ ރަށުގެ މީހުން މަރުހަބާ ކީ، ދިވެހިންގެ އެންމެ އިހުގެ ވައްޓަފާޅި ދައްކާލަމުންނެވެ.
ވީ ކިހިނެއް؟ - މަކުނުދޫ ކައުންސިލުން ބުނި ގޮތުގައި، ކްރޫޒްލައިނާއިން އެ ރަށަށް 94 ޓޫރިސްޓުން ފޭބި އެވެ. އެ މީހުންނަށް މަރުހަބާ ކިޔުމަށް، ބަނދަރުމައްޗަށް އެންމެން ވެސް އެއްވެ ތިބީ ސަގާފީ ހެދުމުގަ އެވެ. މަރުހަބާކީ ރައިވަރުންނެވެ.
ތަފްސީލް - ކައުންސިލުން ބުނި ގޮތުގައި:
ރަށަށް ފޭބި ޓޫރިސްޓުން ގުރޫޕުތަކަށް ބަހާލައިގެން، ގައިޑުން ހަމަޖައްސައިގެން އެ މީހުންނަށް މުޅި ރަށް ދައްކާލި؛ ގައިޑުން ވެސް ތިބީ ސަގާފީ ހެދުމުގައި
އެ ރަށުގެ ދުވަސްވީ ތަންތަނާއި މުހިއްމު ތަންތަން ޓޫރިސްޓުންނަށް ދައްކާލި
އެ މީހުންނަށް ހާއްސަކޮށްގެން ބަނދަރުމަތީގައި ފެސްޓިވަލެއް ވެސް ވަނީ ބާއްވާފައި
އެ ފެސްޓިވަލުގައި ދިވެހިންގެ އިހުގެ ވައްޓަފާޅި ހުންނަ ގޮތް ދައްކާލި؛ އެގޮތުން ކުރާ މަސައްކަތްތަކާއި ބައެއް ކުޅިވަރުތަކާއި ނެށުންތައް ދައްކާލި
ޓޫރިސްޓުންނަށް ހާއްސަކޮށް އެއްޗެހި ވިއްކުން ވެސް އެ ފެސްޓިވަލުގައި އޮތް
ހެނދުނު ރަށަށް ފޭބި ޓޫރިސްޓުން އެނބުރި ދިޔައީ މެންދުރު ފަހު 1 ޖަހާއިރު އެވެ. އެ މީހުން ވަނީ އެ ރަށުގެ ސްކޫލަށް ކުޅިވަރު ކުޅޭ ސާމާނު ވެސް ހަދިޔާކޮށްފަ އެވެ.
"އެ މީހުން ތިބީ ވަރަށް ހިތްހަމަޖެހިފައި. މި ފަދަ ގޮތަކަށް މަރުހަބާ ކިޔައި، ރަށް ދައްކާލީމާ،" މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވި އެވެ.
އެ ކްރޫޒްލައިނާ މަކުނުދުއަށް ދިޔައީ އައްޑު އާއި އއ. އަތޮޅުގެ ރަށަކަށް ދިޔުމަށް ފަހު އެވެ. ދެން އެ އުޅަނދުގެ މިސްރާބުު ހުރީ އެހެން ގައުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ