މޯލްޑިވް ގޭސްގެ ގިނަ އަދަދެއްގެ ފައިސާއަށް ވީގޮތް ނޭނގޭ މައްސަލައަށް އޭސީސީ ވަދެއްޖެ
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. https://sun.mv/204569 އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ، އެ ކޮމިޝަނުން މި މައްސަލަ ބަލަން ފަށައިފައި ވާކަން "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، މި މައްސަލަ ބަލަން ފެށީ ކޮން ދުވަހަކުކަން އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ތަފުސިލެއް ވެސް ހަމަކޮށްފައެއް ނުވެއެވެ. މިއަދުގެ މާލިއްޔަތު ކޮމިޓީގައި ނާޒިމް ވިދާޅުވީ، ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނުވާކަމަށެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. "މިކަހަލަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން އެބަ ޖެހޭ،" ނާޒިމް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ. މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާއެކު އެކަން ބަލަން ފެށިއެވެ. އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުންވެސް "ވައްކަން" ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި, ޢަބްދުﷲ މައުމޫންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ އަންނަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ. އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ. މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ