އަހަރެމެން އިހުގައި އިސްތިއުމާރީ ވެރިކަން ސިފަކުރަނީ ހަންފަތުރާ ބިދޭސީ ގައުމަކުން އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ނުފޫޒަކުން އެހެން ގައުމެއްގެ މައްޗަށް ވެރިވެގަތުމަށެވެ. ނަމަވެސް ދައުލަތުގެ އެތެރެއިން އެ ގައުމުގެ ދުސްތުރީ ނިޒާމުގެ މައްޗަށް ހުދުމުހުތާރުވެރިއަކު ވެރިވެގަތުމަކީ ވެސް އިސްތިއުމާރީ އަމަލެއް ކަމަށް މިފަހަކަށް އައިސް ސިފަކުރަން ފަށާފައިވެ އެވެ. މި ގަރުނާ ހަމައަށް ދުނިޔެ އައި އިރު ދުނިޔޭގައި ހަންފަތުރަމުން ގެންދިޔަ މަޝްހޫރު ގައުމުތަކުގެ ހަނގުރާމަމަތީ މަނަވަރުފަހަރުގެ ރިޔާތަކުން ވައި ހިނދި، އުދުހޭ ބޯޓުތަކުގެ ފިޔަތައް ކޮށި، މާސިންގާ ހަޒާނާތައް ހުސްވެ، އެ ގައުމުތަކުގެ އާރާއި ބާރު މިވަނީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓިފަ އެވެ. އެގައުމުތަކުގެ އިގްތިސާދީ އަދި އަސްކަރީ ބާރުވެރިކަން ކުޑަވިނަމަވެސް، އެގައުމުތަކުގެ ޒަމާންވީ އަނިޔާވެރި އާދަކާދަތަކާއި ނޭއްގާނީ އަމަލުތަކުން އެގައުމުތަކުގެ ހިތްތައް އަދިވެސް މުޅިން ދޫނުވާކަން ދުނިޔޭގައި އެ ގައުމުތަކުން ހިނަގަމުންގެންދާ ކަންކަމުންނާއި އެ ގައުމުތަކުގެ ވެރީންގެ ބަސްމަގުން ދޭހަ ވެއެވެ. އަށަގަނެ އުމަގުވެފައި ހުންނަ ނުބައި އާދަތައް ފިލައިގެންދާން ދުވަސްތަކެއް ހޭދަވާނެ އެވެ.
މި ޒަމާނުގައި ދައުލަތް ހިންގާނެ ގޮތް ބަޔާންކުރާ ގާނޫނުއަސާސީއެއް ލިޔެ އެވެ. ގާނޫނުއަސާސީ ލިޔަނީ ހުދުމުހުތާރު ވެރިކަމަށް ޖާގަނުދިނުމަށެވެ. އަނިޔާއަށް އަލުން ފުރުސަތު ނުދިނުމަށެވެ. ހުދުމުހުތާރު ވެރިކަމެއް އަލުން ތަޖުރިބާކުރަން ރައްޔިތުން ނޭދޭތީ އެވެ. ގާނޫނުއަސާސީ ލިޔަނީ އެކެއްގެ އަތުގައި ދައުލަތުގެ ހުރިހާ ބާރެއް ފުންޏަކަށް ޖަހާފައި ބޭއްވުމުގެ ބަދަލުގައި ދައުލަތުގެ ބާރުތައް ތިން ބަޔަކަށް ބަހައި އެއްބާރުން ގޯހެއް ހަދާނަމަ އަނެއް ބާރުތަކުން އެކަން ހުއްޓުވައި ފާރަވެރިވެވޭނެ ގޮތަކަށް ދައުލަތް ހިންގުމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރަކުން އަނެއް ދެބާރުގެ މައްޗަށް ގަދަވެގަނެ، މުޅި ދައުލަތާއި ރައްޔިތުންގެ މައްޗަށް ހަންފަތުރައިފި ނަމަ، އެ ފަރާތަކީ އިސްތިއުމާރީ ވެރިއެއް ކަމަށް ސިފަކުރެވިދާނެ އެވެ. ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ރޫޅާލައި، އެއްފަރާތްކޮށް، ރައްޔިތުންގެ ބާރު ފިރުކައިގަނެ، ގައުމުގެ ހަޒާނާ އާއި އިގުތިސާދީ ވަސީލަތް ތަކުގެ މައްޗަށް އަމިއްލައަށް ވެރިވެގަނެ، ދައުލަތަކީ ތިމާގެ އަމިއްލަ މުދަލެއް ކަމަށް ދެކިގެން މީހަކު އުޅެން ފަށައިފިނަމަ އެ މީހަކީ ދައުލަތުގެ ދުޝްމިނެކެވެ. ރައްޔިތުންގެ ދުޝްމިނެކެވެ. އިހުޒަމާނުގެ އިސްތިއުމާރީ ބާރުތަކަކީ އިސްތިއުމާރުވި ގައުމުތަކުގެ ދުޝަމިނަކަށްވީ ފަދައިންނެވެ.
ތިރީގައި މި ފާހަގަކުރާ ކަންކަމުގެ އަލީގައި ރައީސް ޑރ. މުއިއްޒު އަކީ ޒަމާނީ އިސްތިއުމާރަށް ނިސްބަތްވާ ރައީސެއްތޯ ކަނޑައަޅާނީ އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންނެވެ. މުސްތަގުބަލުގައި ތާރީހު ލިޔާ މީހުންނެވެ.
މުއިއްޒުގެ ރައީސްކަމުގައި ގާނޫނުއަސާސީ ރޫޅާލައި ގާނޫނުއަސާސީ އެއްފަރާތްކޮށް ދުސްތޫރީ މަގުން ފަހަތަށް ހިނގައްޖެކަމަށް ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޭނާގެ ނުފާޒު ޣައިރުދުސްތޫރީ ގޮތުން ހިންގައި އެ މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ވާތީ އެވެ. މަޖިލީހުގެ މެންބަރުން މަޖިލީހުގައި ވޯޓުދޭ ގޮތަކުން ނުވަތަ ދައްކާ ވާހަކައަކުން މުއިއްޒު ހިތް ހަމަނުޖެހިއްޖެ ނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިކުރެވޭނެ ގޮތަށް މުއިއްޒު އެވަނީ ގާނޫނެއް ފާސްކޮށްފަ އެވެ. މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވަކާލާތުކުރުން މަނާކުރުމަކީ ގާނޫނުއަސާސީގައިވާ އެއްބާރު ނެތިކޮށްލުމެވެ. ރައްޔިތުންގެ ވެރިކަމެއްގައި ސަރުކާރު ހިންގާ މީހުނަށް ރައްޔިތުންގެ އަޑުއިއްވާނޭ މަގު ބަންދުކުރުމެވެ. މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ހާޒިރުނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ. މަޖިލީހަށް ޖަވާބުދާރީ ވުމަށް އެއްވެސް މީހަކު މަޖިލީހަށް ހާޒިރުކުރެވެނީ ރައީސް ޑރ. މުއިއްޒުގެ ހުއްދަ ނަގައިގެންނެވެ. މަޖިލީހުގެ ރައީސް އެހުންނަނީ ނަމަކަށެވެ. މަޖިލިސް ހިންގަނީ ރައީސް އަންގާ ގޮތަކަށެވެ. މަޖިލީހުން ފާސްވަނީ ރައީސް ޑރ. މުއިއްޒު އަންގާ ބިލެކެވެ.
ސުޕްރީމް ކޯޓު އެހެރީ މުއިއްޒު ހުއްޓުވާފަ އެވެ. އެތަނުގައި ތިބި ފަނޑިޔާރުން ކަނޑާލައި އެތަނަށް އޭނާ ކުޅޭ ރާގަކަށް ލަވަކިޔާ ކިރުދޫނިތަކެއް ވެއްދުމުގެ މަސައްކަތް އެދަނީ ހިނގަމުންނެވެ. ނިކަން ބާރަށެވެ. ވީމާ ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަން ކޯޓުތަކެއް ނެތެވެ. މުއިއްޒު އެއޮތީ ދައުލަތުގެ ނިޒާމު އެކަށް ރޫޅާލައިފަ އެވެ.
އެކެއްގެ އަތުގައި ދައުލަތުގެ ހުރިހާ ބާރެއް އޮވެއްޖެ ނަމަ ހުދުމުހުތާރު ވެރިކަމަކަށް، އަނިޔާވެރިކަމަށް އަދި ކޮރަޕްޝަނަށް ޖާގަ ލިބޭނެތީވެ، އެކަން ހުއްޓުވަން ގާނޫނުއަސާސީގައި ވެރިކަމުގެ ބާރުތައް ބައިކޮށްފައި އޮތް އޮތުމަށް މުއިއްޒު އެވަނީ ފައިން އަރާފިއްތާލާފަ އެވެ.
ދައުލަތުން ހަރަދުކޮށްގެން ދައުލަތުގެ ނިޒާމު ގާނޫނުއަސާސީއާ އެއްގޮތަށް ހިނގާކަން ކަށަވަރުކޮށް ފާރަވެރިވުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތައް ކަމަށްވާ އިލެކްޝަންސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން، ހިއުމަންރައިޓްސް ކޮމިޝަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުތަކަށް ބަދަލުގެނެސް އެ ތަންތަނުގެ ވެރިން އައްޔަންކުރުން ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ގެނެސް އެ ތަންތަނަށް މުއިއްޒު ކުޅޭ ރާގުތަކަށް ލަވަކިޔާ ގުރާތަކެއް ވައްދާފައިވެ އެވެ. ކިރިޔާވެސް މިނިވަންކަމާއެކު މެންބަރަކު ޗުއްފުވެސް ބުނެފިނަމަ އެމީހެއްގެ ކަންފަތުގައި ހިފައި ބޭރުކޮށްލާނެ ކަމަށް މުއިއްޒުގެ އައުވާނުން އެދަނީ ބުނަމުންނެވެ. އިންޒާރުދެމުންނެވެ. އެކަން ކަށަވަރުކުރުމަށް މުއިއްޒު ހާއްސަ ފައުޖެއް ވަނީ އުފައްދާފަ އެވެ. ފުލުހުންނާއި މިނިވަން މުއައްސަސާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަލިވިލި ހޭލަމޭލަވެ ކަމެއް ކުރެވެނީ މުއިއްޒުގެ ހާތައް ގޮވައި އިރު އަރައްޖެކަމަށް އިއުލާންކޮށް އެ ދުވަހެއްގެ އެޖެންޑާ މުއިއްޒު ކަނޑައަޅައި ދިއްކޮށްލީމަ އެވެ. މިނިވަން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މަގާމުތަކުގައި ތިބޭ މީހުން އެ ތިބެނީ ނާށިތަކަށް ތެޔޮ ފޮދެއް ޖަހައިގެން މުއިއްޒުގެ ގައިރު ގާނޫނީ އަމުރުތައް ތަންފީޒުކުރަން ފޫގަޅައިގެން ތައްޔާރަށެވެ. އެ މީހުންނަށް ގާނޫނުއަސާސީ އަކީވެސް ހަރާމްހަލާލަކީ ވެސް މުއިއްޒުގެ އެންގުންތަކެވެ. މުއިއްޒު ހިތްހަމަޖައްސައި ދިނުމެވެ.
ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނިޒާމަކީ ދައުލަތުގެ ވުޒާރާތަކުގެ ސިޔާސަތުތައް ވަޒީރުން އެކުލަވާލުމުން، ސިވިލް ސާވިސްގެ މުވައްޒަފުން މެދުވެރިކޮށް އެ ސިޔާސަތު ތަންފީޒުކުރުމުގެ ކަންކަން ހިންގުމެވެ. ސިވިލް ސާވިސް މިނިވަން މުއައްސަސާއަކަށް ހެދީ ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއްގައި ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތްދީ ދައުލަތުގެ ވަޒީފާތައް ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ހާއްސަވެފައިވާ އެއްޗަކަށް ވިޔަނުދީ، އިލްމާއި ގާބިލުކަމުގެ މައްޗަށް ބުރަވެ، ރައްޔިތުންގެ ތެރެއިން ކަމަށް އެކަށީގެންވާ އެންމެނަށް ހަމަހަމަ ކަމާއި އިންސާފުވެރިކޮށް ވަޒީފާގެ ފުރުސަތާއި ވަޒީފާގެ ކުރިއެރުން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމުގައި މިފެންނަނީ ސިވިލް ސާވިސްގެ 60 މުވައްޒަފުން މަސައްކަތްކުރާ ވުޒާރާއެއްގައި 130 ސިޔާސީ ވަޒީފާ އުފައްދައި، އެ ވަޒީފާތައް ވަކި ސިޔާސީ ފިކުރަކަށް ތަބާވާ މީހުން އައްޔަންކޮށް ސިވިލް ސާވިސްގެ ނިޒާމު ފުނޑާލައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ބޭނުމަށް އަކުރެއްބަކުރެއް ނުދަންނަ ބަޔަކަށް މުސާރައިގެ ނަމުގައި ފައިސާ ބަހާތަނެވެ.
ގާނޫނުއަސާސީ އެކުލަވާލާފައި އޮތީ ރަށްވެހިކަމުގެ ގޮތުން ރަށްރަށުގައި ކުރަންޖެހޭ ކަންކަން ކޮންމެ ރަށެއްގައި އިންތިހާބުކުރާ ކައުންސިލަކުން އަމިއްލައަށް ކުރާގޮތަށެވެ. މާލޭގައި ހުންނަ އެޓޯލްސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީއިން ފޮނުވާ ކުޑަސިޓީގެ ބާރުގައި ރަށްރަށް ހިންގުން ފެހި ގާނޫނުއަސާސީއިން އުވާލީ އެވެ. ނަމަވެސް އަލުން މާލޭގައި އެޓޯލްސް މިނިސްޓްރީއެއް އުފައްދައިގެން އާދަމް ޝަރީފު ވަޒީރު އަތޮޅުތަކާއި ރަށްރަށުގެ ކަންކަމާ ބެހެމުންދަނީ ކުރީގެ އެޓޯލްސް މިނިސްޓަރު ހަމީދު އެކަން ގެންދިޔަ ބީދައިންނެވެ. ރަށްރަށުގައި އީދަށް ބޮކި ދިއްލުމާއި ކުނިކެހުމާއި ޒީނަތްތެރިކުރުމަކީ ވެސް މިހާރު އެރަށުގެ މީހުން އަމިއްލައަށް ނިންމާ ކަމެއް ނޫނެވެ. މުއިއްޒު ރައީސްގެ އިރުޝާދުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. ދާދި ފަހުން 12 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން އެމްޓީސީސީ އާއި އާރްޑީސީއާ އެކު ސޮއިކޮށް ޕްރޮޖެކްޓް ހަވާލުކުރީ މިހާރު ހަދައިގެން އުޅޭ އެޓޯލްސް މިނިސްޓްރީގެ ވަޒީރު އާދަމް ޝަރީފެވެ. މިވަރުގެ ކުޑަ ކަންފުޅެއްވެސް ރަށްރަށުގެ މީހުން އަމިއްލައަށް ކުރަން ފުރުސަތު ނުދީ ހުރިހާ ކަމެއްގެ މައްޗަށް ރައީސްގެ ބާރު ފަތުރަމުން އެގެންދަނީ ގާނޫނުއަސާސީއާ ހިލާފަށެވެ. އާދަމް ޝަރީފުގެ މިނިސްޓްރީ ހެދުމަށްޓަކައި ދައްކާފައި އޮތް ބަހަނާ އަކީ ރަށްރަށު މީހުން އަމިއްލައަށް ރަށްރަށް ހިންގޭވަރަށް އަދިވެސް އެމީހުންގެ ކުޅަނދު ހަމަނުވާކަމަށް ބުނެ ދެއްކި ބަހަނާއެވެ.
ނެރޭ ނުނެރޭ ތަނެއް ނޭނގޭ ފައިސާ އެންމެ ފުރަތަމަ އުފައްދައިގެން ސިޔާސީ ބޭނުމަށް ބަހަން ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ އެޕްރީލް ހިސާބުގަ އެވެ. މީހުން ބުނާ ގޮތުން އެ ފައިސާތައް ނެރެނީ ސަރުކާރުންނާއި ސަރުކާރު ކުންފުނިތަކުން އެކިއެކި ފަރާތްތަކަށް ހަވާލުކުރާ ޕްރޮޖެކްޓުތަކާއި މަސައްކަތް ހަވާލުކުރަން ސޮއިކުރާ ކޮންޓްރެކްޓުތަކާއި އެތަންތަނުން ޑޮލަރު މާރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. އެކަންކަން ކުރަނީ ދައުލަތަށް ގެއްލުންވާ ގޮތަށެވެ. މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އިތުރުން އެ މެންބަރުންގެ އަނގަ ބަންދުކުރުމަށާއި ވޯޓުގަތުމަށް އެފަދަ ފައިސާ އިން ހޭދަކުރެ އެވެ. މިފަހަކަށް އައިސް ބޮޑެތި ޕްރޮޖެކްޓުތައް ބިޑަށް ނުލައި ހަވާލުކުރުމަށާއި ފަޅުރަށްރަށް ސީދާ ރައީސަށް ފެންނަ ބަޔަކަށް ދެވޭ ގޮތަށް ދައުލަތުގެ ގަވާއިދުތައް ބަދަލުކޮށްފި އެވެ. މިއީ ކަޅުފައިސާ އުފައްދަން ހުޅުވޭ މަގުތަކެވެ. މިއީ ދައުލަތުގެ މުދަލާއި ފައިސާގެ މައްޗަށް އަތްގަދަކުރުމަށް ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ކަންކަމެވެ.
---
ގާނޫނުއަސާސީ އާއި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ރައީސް މުއިއްޒުގެ ހަންފެތުރުން އޮތީ މިގޮތަށެވެ. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ތިބީ މިކަމަށް އަތްޖަހައި ސަނާކިޔުމުގަ އެވެ. އިސްތިއުމާރީ ގައުމުތަކުން އިސްތިއުމާރުކުރަމުންދިޔަ އިރުވެސް އެގޮތަށް އަތްޖަހަން ތިބި ބަޔަކު ތިއްބެވެ. އަމިއްލަ އެދުމާހުރެ އެވެ. ވަޒީފާގައި ދެމިތިބުމަށެވެ. ގައުމަށް ކޮންމެ ގޮތެއްވިޔަސް އެފަދަ މީހުންނަށް ބޮޑުވަރިހަމަ އެވެ. ހަގީގަތުގައި އެއީ ގައުމުގެ ދުޝަމަނުންނެވެ.
މުއިއްޒުއަކީ އިސްތިއުމާރީ ރައީސެއް މުއިއްޒުއަކީ އިސްތިއުމާރީ ރައީސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ