ރިޔާސީ އިންތިހާބު އެއްބުރުން ނިންމާ ގޮތަށް ހަދަން މި ސަަރުކާރުން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުރެއް ހޯދަން ކަމަށާއި ގާނޫނުއަސާސީ އަށް އެފަދަ ބަދަލުތައް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އަކީ އެ ވަގުތަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު މީހަކު ބޭނުންވެވަޑައިގަތުމުން ބޭނުންވާ ގޮތަކަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
"އިތުރު ދައުރެއް ހޯދުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ގާނޫނުއަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްޤު ކަށަވަރުކޮށްދޭ އެއްޗެއް،" އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ފައިސަލް ވިދާޅުވި އެވެ. "އެއީ ރަމްޒީ އެއްޗެއް ނޫން."
އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުވާން ޖެހޭނީ، ވޯޓް ދޭ މީހުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
"ޤާނޫނުއަސާސީއަށް ގެންނަން އުޅޭކަމަށް މިހާރު މި އަޑު އިވޭ ބަދަލަކީ، ޤާނޫނުއަސާސީގެ މުޅި ރޫޙާއި، ދިމިޤުރާތީ އުސޫލުތަކާ މުޅިން ޚިލާފު ބަދަލެއް،" ފައިސަލް ވިދާޅުވި އެވެ. "އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ނުވާނެ."
އެ މަނިކުފާނު މި ގޮތަށް ވިދާޅުވި އިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބުގެ އެއް ބުރު ބާއްވަން ސަރުކާރުން ގެންނަން އުޅޭ ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މިއަދު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށް ދިނުމަށް ރައީސް މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށާއި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން." ރައީސް ވިދާޅުވެފައިވެ އެވެ.
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ