މިއަދަކީ ދިވެހި ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ ފަދަ ދުވަހެކެވެ. މިއަދަކީ 40 އަހަރަށްފަހު މުސްލިމުންގެ ދެ ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެއަށް ވަޑައިގަންނަވާ ފަޚުރުވެރި ތާރީޚީ ދުވަހެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް މި ދައުރުގައި ކުރެވެމުންދާ މަސައްކަތުގެ ދަށުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާފުޅުގެ ދަށުން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޙުސިއްޔަތުން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވާ މިއަދު ރާއްޖެ ވަޑައިގަންވަނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުއެވެ. އަދި ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ހަބަރު: ސަރުކާރު
ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ