އަސްކަރީ ގޮތުން ގާބިލުކަން އިތުރު ކުރުމަކީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެދެނީ އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްވެ އަމާން މުޖުތަމައުއެއް ބިނާވެފައި އޮތުމުން ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
އެގޮތުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގައި އެއާ ކޯ އެއް އުފައްދައި ޑްރޯން ގެނައުމާއި އެމްއެންޑީއެފްގެ މެރިން ކޯއަށް ގެނައި އަސްކަރީ ވެހިކަލްތަކުގެ ވާހަކަ ގައްސާން ފާހަގަ ކުރެއްވި އެވެ. އެ ކަންކަމަކީ މިނިވަން ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ ކަމެއްކަން، އިގުތިސާދީ ވިސްނުމަކުން ވިސްނައިލިޔަސް ސާފުވާނެ ކަމަށް ގައްސާން ވިދާޅުވި އެވެ.
"މިއީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ހޯދަން މަޖުބޫރު ވަސީލަތްތައް، މިނިވަންކަން ހިމާޔަތްވެފައި އޮތުން، އަމާން މުޖުތަމައުއެއް ގާއިމުވެފައި އޮތުން، މިއީ އިގުތިސާދީ ގޮތުން ފިކުރު ކޮށްލި ކަމުގައިވިޔަސް، ގައުމުތަކާ މެދު އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ ޔަގީންކަން ކަށަވަރު ކޮށްދޭ އެއް ހަގީގަތް،" ގައްސާން ވިދާޅުވި އެވެ.
"އިއްޔެ ނޫން އިހަށް ދުވަހު ފެނިގެން އެ ދިޔައީ އެމްއެންޑީއެފުގެ އެއްގަމުގެ ބާރަށް، މެރިން ކޯއަށް ހޯއްދަވައި ދެއްވާ ކުރިއެރުމުގެ ފެށުން،"
ގައްސާން ވިދާޅުވީ ތާރީހުގައި ވެރިންނަށް އަމާޒުކޮށް ފަސޭހަކަމާއެކު ނިރުބަވެރި ހަމަލާތައް ދިނުން ފަދަ ކަންކަން ހިނގާފައި ވަނީ އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަމާ މެދު ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައި ވާތީ ކަމަށެވެ.
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަަކީ ފާއިތުވި 15 އަހަރު ތެރޭގައި އިޖާބަ ނުދީ އިހުމާލުވެފައި ހުރި ކަންކަން ފުރިހަމަ ކުރުން ކަމަށް ގައްސާން ވިދާޅުވި އެވެ.
"މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ މި ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ، ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރު ކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައި ވަނީ ދިނުމުގެ ޖާގަ ލިބިފައި ވަނީ މި ދެންނެވި އިހުމާލުވެ ގައުމަށްވުރެ އެހެން ކަންކަން އިސްކުރީމަ،" ގައްސާން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގައްސާން ފާހަގަކުރެއްވި ކޮންމެ ނުކުތާއަކާ ގުޅުވައި ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވައި ރައީސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
އިންވެސްޓަރުންގެ އިތުބާރު އުފެދެނީ މިނިވަންކަން ކަށަވަރުވެފައި އޮތުމުން: ގައްސާން އިންވެސްޓަރުންގެ އިތުބާރު އުފެދެނީ މިނިވަންކަން ކަށަވަރުވެފައި އޮތުމުން: ގައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ