ހުޅަނގުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި ހުޅަނގުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކާއި އަދި އެ ނޫން ވެސް ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރި އެވެ. އެގޮތުން ކަނޑުދަތުރުފަތުރު ކުރަން ފެށުމުގެ ކުރިން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ މައުލޫމާތުގެ އަދާހަމަ ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން ބުނީ މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ފެށުނީ މި މަހު 7، ގައި ކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށުނީ މިމަހު 12، ކަމަށާއި ރާއްޖޭގެ އެންމެ އުތުރަށް ހުޅަނގު މޫސުން ފެށުނީ މިމަހު 21، ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިފަދަ އިލްތިމާސްއެއް ކޮށްފައިވާއިރު، މިފަހަކަށް އައިސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ އެންމެ ބޮޑެތި ގެއްލުންވާ އެއް ރަށަކަށް މާލެ ވަނީ ވެފަ އެވެ. އެ ގެއްލުންތަކުން ސަލާމަތްވުމަށް ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުންނަ ގެތަކުގެ ދޮރުމަތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ