އާއިލާގެ މާލީ ޒިންމާތަކާއި އަމިއްލަ ހާލަތު ކޮނޑަށް ލައިގެން އަލީ ޝިޔާޒު އާމްދަނީއެއް
ހޯދަން ވަޒީފާއަށް ނުކުތީ އުމުރުން 18 އަހަރުގަ އެވެ. އަމިއްލަ ދިރިއުޅުން 'ރިސޯޓު
ލައިފަށް' ބަދަލުކުރީ ބޮޑު ގުރުބާނީއެއް ވުމަށް ފަހު އެވެ. ފޮތް ނަގައިގެން، ހުރިހާ
ވަގުތެއް ކިޔަވަން ހުސްކޮށްގެން ހުރުމުގެ ފުރުސަތު އޭނާއަކަށް ނުލިބުނެވެ. އޭރު ހާލަތު ހުރި ގޮތުން މަޖުބޫރުވީ އެކަން އެއް ފަރާތުގައި ބޭއްވުމަށް ފަހު އާމްދަނީއެއް ހޯދަން
ވަޒީފާ އަދާކުރާށެވެ.
"އަހަރެން
ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށިއިރު އަބަދުވެސް ބެލީ މަސައްކަތް ކުރަމުން، ކިޔެވޭނެ
ފުރުސަތަކަށް،" ޝިޔާޒުގެ އެންމެ ބޮޑު ހުވަފެން އަހަރެމެންނަށް
ކިޔައިދެމުން ބުންޏެވެ.
"ވަރަށް
ހަނދާންވޭ، އެންމެ ފުރަތަމަ އަދާރަންއަށް ޖޮއިންކޮށްގެން އުޅުނުއިރު އެންމެ ބޮޑު
ހުވަފެނަކަށް އޮތީ ވަން އެންޑް އޮންލީގެ އެޕްރެންޓިސްޝިޕްއަށް ވަނުން. އޭރު
އަޅުގަނޑަށް އެނގޭ ހަމައެކަނި އެޕްރެންޓިސްޝިޕްއަކީ އެއީ."
މިއަދު،
އޭގެ ގާތްގަނޑަކަށް 10 އަހަރު ފަހުން، އަހަރެމެންނާ ބައްދަލުވިއިރު އުފަލުން ގޮސް
އޭނާގެ ދެ ފައި ބިމުގައި ނުޖެހެ އެވެ. އިންޓަވިއުއަކަށް އެދުމުން އޭނާ އުދުހިލާފައި އައީ ބޮލުގައި އޮތް ތޮފި ހެޔޮވަރު ކުރަމުން، ލައިގެން ހުރި
ގްރެޖުއޭޝަން ގައުންގައި ފިޔަޖަހަމުންނެވެ. ބުރަކޮށް ވަޒީފާ އަދާކުރަމުން، ކޮންމެ ރެއަކު ބެލި ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ވީ އެވެ. އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ، މިހާރު އޭނާ
މަސައްކަތް ކުރަމުން އަންނަ ޕަޓީނާ މޯލްޑިވްސްއިންނެވެ.
ޝިޔާޒުއާ
އެއްކޮށް ކިޔެވި އަދި އެ ރިސޯޓުގެ އެހެން ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ނުމާ
އިބްރާހިމްގެ ވެސް ހުރީ ހަމަ އެފަދަ އިހުސާސްތަކެކެވެ. ޕަޓީނާ
މޯލްޑިވްސްއަކީ ހަމައެކަނި ވަޒީފާ އަދާކުރާ ރިސޯޓެއް ނޫނެވެ. އެއީ މިހާރު އޭނާއަށް ކޮލެޖެއް ފަދަ ތަނެކެވެ.
"ވަރަށް،
ވަރަށް ޕްރައުޑް. ބުނަން ވެސް ނޭނގޭ. ހަޔާތުގެ ވަކި ހިސާބެއްގައި ކިޔެވުމާ ދުރުވީ.
މިތަނަށް އައިސް ވަޒީފާގައި އުޅެމުން ކިޔަވަން ފުރުސަތު ލިބުނީމަ ހީވަނީ އަނެއްކާ
ވެސް ސްކޫލް ލައިފަށް ދެވުނީއޭ،" ނުމާ ބުންޏެވެ.
ނުމާ
ބުނި ގޮތުގައި އެ ކޯހުން ދަސްވީ މޮޑިއުލްތަކުން އުނގަންނައިދިން އެއްޗެހި
އެކަންޏެއް ނޫނެވެ. މަސައްކަތް ކުރަމުން، ކިޔަވަމުން، އަމިއްލަ ދިރިއުޅުން
މެނޭޖުކުރާނެ ގޮތެވެ.
"މި
ކޯހުގައި ކިޔަވަން އުޅެނިކޮށް 'އައި ގޮޓް ޕްރެގްނެންޓް'. ޕްރެގްނެންޓް
ވެގެން ވެސް ކިޔެވުމުގެ ޖާނީ ކުރިއަށް ދިޔައިމަ، ދިރިއުޅުމުގައި ކޮންމެ ހިސާބަކަށް
ވެސް ދެވިދާނެހެން ހީވަނީ،" ނުމާ ބުންޏެވެ.
ޝިޔާޒު
އާއި ނުމާއަކީ ޕަޓީނާ މޯލްޑިވްސްއިން ދުނިޔޭގެ އެންމެ މޮޅު ހޮޓެލް ސްކޫލާ ގުޅިގެން
ބޭއްވި ވޮކޭޝަނަލް އެޑިއުކޭޝަނަލް ޓްރެއިނިން (ވީއީޓީ)ގައި ޑިޕްލޮމާ ފުރިހަމަކުރި
އެ ރިސޯޓުގެ 12 މުވައްޒަފުންގެ ތެރެއިން ދެ މީހުންނެވެ.
ސުވިޒަލެންޑުގެ އެކޯލް
ހޮޓެލިއާ ލޮޒާން (އީއެޗްއެލް)އިން ހިންގި އެ ކޯހުގައި ފައުންޑޭޝަނުން ފަށައިގެން ޑިޕްލޮމާއާ
ހަމައަށް ކިޔެވި އެވެ. އެ އެންމެންގެ އަތުގައި މިއަދު އެ އޮތީ މުޅި ދުނިޔެ
ވެސް ބަލައިގަންނާނެ ވަރުގެ، ބުރަދަން ހުރި ސެޓްފިކެޓެކެވެ. އެއީ ޕަޓީނާއިން ބިނާކުރި ރަން ޑަޒަނެކެވެ.
އެ 12 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އީއެޗްއެލްގެ 'ޑިޕްލޮމާ އިން ފުޑް އެންޑް ބެވަރޭޖް' ފުރިހަމަކުރި ހަ ދަރިވަރުންނާއި 'ޑިޕްލޮމާ އޮފް ހޮޓެލް އޮޕަރޭޝަންސް (ރޫމް ޑިވިޝަން)' ފުރިހަމަކުރި ހަ ދަރިވަރުންނެވެ. އެއީ:
ފުޑް އެންޑް ބެވަރޭޖް:
މުހައްމަދު އިޝާން އަހްމަދު
އަލީ ޝިޔާޒް
ކެތަރިން ޗުންގް ހުއި ލިންގް
އަލީ އަންޝަހު އިބްރާހިމް
މުހައްމަދު އައިމަން
ރުބީނާ ދާމީ
ރޫމްސް ޑިވިޝަން:
މުހައްމަދު މިރާސް
ނުމާ އިބްރާހިމް ރަޝީދު
އިބްރާހިމް ޝޫބާން
ހުސައިން އަލީ
އަބްދުﷲ ހަސަން
އަލީ އާމިރު
މިދިޔަ
އަންގާރަ ދުވަހު ޕަޓީނާ މޯލްޑިވްސްގެ ލައިބްރަރީގައި ބޭއްވި ގްރެޖުއޭޝަން
ހަފްލާގައި ފާއިތުވެދިޔަ ތިން އަހަރުގެ ތަޖުރިބާ އާއި އިހުސާސްތައް ޕޯޑިއަމްގައި އެ
އެންމެންގެ ފަރާތުން ހުށަހަޅައިދިނީ ޝިޔާޒު އާއި ނުމާ އެވެ. އެކަމަކު މީގެ ތިން
އަހަރު ކުރިން އެގޮތަށް މީހުންގެ ކުރިމައްޗަށް އަރައި ވާހަކަ ދެއްކުމަކީ އޭގެ
ތެރެއިން ގިނަ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ.
ޝިޔާޒު
އެކަން ބަޔާންކޮށްދިނީ އެ މީހުން ކިޔެވިއިރު އަލަށް ޕްރެޒެންޓޭޝަން ދިން ދުވަހުގެ
ތަޖުރިބާއިންނެވެ. އެ ދުވަހު އެ މީހުން ޕްރެޒެންޓޭޝަން ދިނީ ތުރުތުރެއްގަ އެވެ. ފިނިވެގެން ދާހިތްލާކަން ވެސް އެނގުނީ އެ ދުވަހު އެވެ. ޕްރެޒެންޓޭޝަން ދޭން ބޭނުންކުރި
ޕްރޮޖެކްޓަރު ވެސް އެ މީހުންނަށް ކުރިމަތި ކުރުވީ ހާސްކަމެވެ. އެ ނުނިވޭތޯ އެ
މީހުން ތިބީ ދުއާކޮށްލަކޮށްލާ، 'ޔާސީން މަތީގަ' އެވެ.
އެކަމަކު
އޭގެ ފަހުން އެންމެ ފިޔަވަޅެއް ވެސް އެ މީހުން ފަހަތަކަށް ނާޅަ އެވެ. ލަސްވަންދެން
ނުނިދާ، ހޭލާ ތިބެގެން އެކަހަލަ އެތައް ޕްރެޒެންޓޭޝަންތަކެއް 'ކައްކާލައިގެން' ތުރުތުރެއް، ގުޑުގުޑެއް ނާޅައި ދީފި އެވެ.
އެ
މީހުން ދަސްކުރީ ކުރާ މަސައްކަތެއް އެންމެ ފުރިހަމައަށް ކުރަން އެކަންޏެއް ނޫނެވެ.
ޕްރެޝަރު ބޮޑުވާ ގަޑިގަޑީގައި އެކަކު އަނެކަކަށް އެހީވާނެ ގޮތެވެ. އެކި ކަހަލަ ސާމާނު
ހަލާކުނުކޮށް، އެ ތަކެތި ބޭނުންކުރާނެ ގޮތެވެ. ފާޑުފާޑުގެ ހިސާބު ނަންބަރުތަކާއި އީކުއޭޝަންތަކާއި ފޯމިއުލާތަކެވެ.
ކުޅަދާނަ
މުދައްރިސުންގެ ފަރާތުން އެމީހުން ދަސްކުރީ ޖޯޝުގައި މަސައްކަތް ކުރާނެ ގޮތެވެ.
މަޑުމައިތިރި ލީޑަޝިޕްއަކީ ކޮބައިކަމެވެ. ބިރުން ފިތްކެނޑިފައި ތިބޭ ގަޑިގަޑީގައި
ވެސް ކެރިގެން ވާހަކަ ދައްކާނެ ގޮތެވެ.
އެ
މީހުން ހަމައެކަނި ކޯހެއް ނިންމާލީއެއް ނޫނެވެ. އެކަކު އަނެކަށް އެހީވަމުން އެ
މީހުން ކުރަހަމުންދިޔައީ މިއަދު އުފަލާ އެކު އާ ކުރާނެ ހަނދާންތަކެކެވެ.
ދުނިޔޭގެ
އެއް ވަނަ ހޮޓެލް ސްކޫލުން ބައިނަލްއަގްވާމީ ފެންވަރުގެ ކޯހެއް ފުރިހަމަ
ކުރެވުމުން ނުމާ ހުރީ އުފަލުން ފޮޅިފަ އެވެ. އަދި އެކަން އިތުރަށް ހާއްސަވީ ޕަޓީނާ
މޯލްޑިވްސްގައި ހުރެ އޭނާއަށް އެކަން ކުރެވުމުންނެވެ.
"ޕަޓީނާ
ބަދަލުވީ ވަޒީފާ އަދާކުރާ ތަނަކުން ރިއަލް-ލައިފް ކްލާސްރޫމަކަށް،"
ޕޯޑިއަމްގައި ހުއްޓި އިނދެ ނުމާ ބުންޏެވެ.
"ގެސްޓަކާ
އެކު ކުރާ ކޮންމެ މުއާމަލާތަކުން، ޓީމެއްގެ ގޮތުގައި ކުރާ ކޮންމެ މަސައްކަތަކުން
އަދި ކުރިމަތިވި ކޮންމެ ގޮންޖެހުމަކުން ވެސް، ޓެކްސްޓު ފޮތަކުން ދަސްނުވާހާ ގިނަ
ފިލާވަޅުތައް ދަސްވި."
އީއެޗްއެލްގެ
ކޯހުގައި އެ މީހުން ކޮންމެ ހަފްތާއަކު ވެސް ދެ ދުވަހު ފުލްކޮށް ކްލާސް ނަގަން ޖެހެ
އެވެ. މާނައަކީ ގާތްގަނޑަކަށް އަށް ގަޑިއިރެވެ. އެކަމަކު މެނޭޖްމަންޓުން އެކަމަށް
އެއްބާރުލުންދީ، އެ އެންމެން މަސައްކަތުން ވީއްލައިދިނެވެ. އެ ދުވަސްތައް ވެސް
ބެލީ އެ އެންމެން ވަޒީފާ އަދާކުރި ދުވަސްތަކުގެ ގޮތުގަ އެވެ.
"ވަރަށް
ފްލެކްސިބަލް. ޗުއްޓީއަށް މިސާލަކަށް ދާން ޖެހުނަސް އެ ކްލާސްތައް މިސްވެއްޖެއްޔާ ލީޑާސް އަނެއްކާ ވެސް އެބަ ނަގާދޭ އެ
ކްލާސްތައް. އެ މީހުންގެ ވޯކިން އަވާސްގައި އިތުރަށް. އެ މީހުން އަސްލު ވަރަށް ރަނގަޅުވީމަ ދޯ
އޮފީހަށް ގެނެސްގެން ބަހައްޓައިގެން، މިސްވާ ކްލާސްތައް ނަގައިދޭނީ. އަސްލު ނުވެސް
ޖެހޭނެ އެކަމަކު ވަރަށް އެހީވި އެ މީހުން،" ޝިޔާޒު ބުންޏެވެ.
އެކަމަކު
ނުމާގެ ދަތުރު އެ އެންމެންނާ ވެސް ތަފާތެވެ. އޭނާ ބުނި ގޮތުގައި ބަލިވެއިން ނުވަ
މަސް ދުވަހު، ވަގުތު މެނޭޖުކުރުން ވީ އުނދަގޫ ކަމަކަށެވެ.
"ވިހައިގެން
މެޓާނިޓީ ލީވްގައި ހުރި އިރު ވެސް އޮންލައިންކޮށް ކޯހުގެ މޮޑިއުލްސް ނަގާފައި،
ޓެސްޓު ވެސް އޮންލައިންކޮށް ހެދީ. (ވަގުތު) މެނޭޖުކުރަން ދަސްވެއްޖެ ވަރަށް ބޮޑަށް
މީގެ ތެރެއިން،" ނުމާ ބުންޏެވެ.
"މެނޭޖްމަންޓަށް ހަމަ ސެލިއުޓް. ރާއްޖޭގައި އަދި ފުރަތަމަ ރިސޯޓު ކަންނޭނގެ މި ކޯސް
ކުރިއަށްގެންދިޔައީ. މެނޭޖްމަންޓުން ވަރަށް ޕުޝްކުރި މީތި ނިންމަން. އެ ސަޕޯޓްއާ ނުލާ ނުކުރެވުނީސް. އިންކްރެޑިބަލް މެނޭޖްމަންޓް އެންޑް
ޓީޗަރުން."
ޕަޓީނާގެ
މެނޭޖްމަންޓުން މިކަހަލަ ރަނުގެ ފުރުސަތެއް ހޯދައިދިނުމުން އެ އެންމެން ވެސް ތިބީ
ޝުކުރުން ފުރިފަ އެވެ. ސަބަބަކީ ރާއްޖޭގައި ހޮސްޕިޓާލިޓީ އިންޑަސްޓްރީ ފުޅާވަމުން
އަންނައިރު މިފަދަ ކޯސްތަކުގެ މުހިންމުކަން ވެސް ބޮޑުވާތީ އެވެ.
"މިހާރު
ޑިގްރީއެއް ކަހަލަ ސެޓްފިކެޓެއް
ނެތި މެނޭޖްމަންޓް، ލީޑަޝިޕް ލެވެލްއަށް ދިއުން ވަރަށް އުނދަގޫ. ތަޖުރިބާ އެކަނި
ހުރެގެން ޓީމެއް ލީޑު ނުކުރެވޭނެ. ބޭނުންވޭ ނޮލެޖު. އެބަޖެހޭ ތިއަރީއިން އެ
އެއްޗެހި ދަސްކުރަން. އެންމެ ދަށްވެގެން ޑިގްރީއެއްހާ މިންވަރު އޮންނަން ޖެހޭނެ މި
އިންޑަސްޓްރީ މި ދާ ގޮތުން،" ޝިޔާޒު ބުންޏެވެ.
މި
ކޯހަކީ ކިޔެވުން ދޫކޮށްލަން ޖެހިދާނެތީ 'ރިސޯޓް ލައިފަށް' ވަންނަން ފަސްޖެހޭ
މީހުންނަށް ވެސް ލިބޭނެ މުހިންމު މެސެޖެކެވެ. ނުވަތަ ޝިޔާޒު ގޮތަށް މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކިޔެވުން
ދޫކޮށްލާފައި ރިސޯޓު ވަޒީފާއަކަށް ދާ މީހުންނަށް ވެސް ލިބޭނެ އުންމީދެކެވެ. އެ 12
ދަރިވަރުންގެ އަތުގައި އެ އޮތް ސެޓްފިކެޓު، އޭގެ ހެއްކަކަށް ފުދޭނެ އެވެ.
"ރިސޯޓުގައި
މަސައްކަތް ކުރާތީ ބައެއް ކުދިންނަށް ހީވެދާނެ ދަސްކުރުމުގެ ކެރިއާ ނިމުނީއޭ.
އެކަމަކު ރިސޯޓު ލައިފްގައި އުޅެމުން ވެސް މިކަހަލަ ފުރުސަތުތައް ވަރަށް ލިބޭ،"
ނުމާ ބުންޏެވެ.
"މިއީ އަދި ފެށުން. ކުރިއަށް
އޮތް ތަނުގައި ވެސް މިކަހަލަ ފުރުސަތުތައް
ލިބޭނެ. ރިސޯޓް ލައިފްއަކީ ކިޔެވުމުގެ
ނިމުމެއް ނޫން. ކިޔަވަމުން މަސައްކަތް ކުރަމުން ކުރިއަށްދެވޭނެ. އިޓްސް ފަން."
ޕަޓީނާގެ ރަން ޑަޒަން: އުންމީދީ ވަޒީފާއަކުން ހުވަފެނީ ގްރެޖުއޭޝަނަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ