ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް، ލޮޖިސްޓިކަލް ހަބަކަށް ހަދަން އެމްޕީއެލްއަށް
ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކޮށް، ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުމަށް އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑީސީޕީ ރިޓަޔަޑް މުހައްމަދު ރިޝްވާނެވެ. ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް، ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން އެމްޕީއެލްއާ އިކޮނޮމިކް މިނިސްޓްރީއަ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މި މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ. ނ. އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށެވެ. މި މަޝްރޫއު ކުރިއަށްގެންދާނީ އެކި ފިޔަވަހިތަކަކަށް ބަހައިލައިގެން ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތައް ތާޒާކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ވަސީލަތްތައް ގާއިމްކުރާނެއެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މަޝްރޫއު ފެށުމަށް ސޮއިކުރި މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ދެކުނަށް ޝެޑިއުލްކޮށްގެން މުދާ އުފުލޭނެ ނިޒާމެއް ގާއިމްކުރަން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިން އެފިޝިއެންސީ އިތުރުކޮށް މުދާ ގެނައުމަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތެރެއަށް މުދާ އެތެރެކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ލާމަރުކަޒީ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް، ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން އެމްޕީއެލްއާ އިކޮނޮމިކް މިނިސްޓްރީއަ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ ކުޅުދުއްފުށީގެ ބަނދަރު ފުންކޮށް، ބޭރުގެ ބޮޑެތި ބޯޓުތަކަށް ކައިރި ކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލްއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ސިޓީ ބޯޓް ޔާޑެއް ތަރައްގީ ކުރާނެ ކަމަށް ވެސް މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފައެވެ. ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް 2020ގައި އިންޑިއާގެ ކޮޗިންއިން ކާގޯ ފެރީގެ ޚިދުމަތް ފެށިއެވެ. ނަމަވެސް އެ ބަނދަރަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން 1000 ޓަނުގެ ބޯޓުތަކަށެވެ. އެއަށްވުރެ ބޮޑު ބޯޓެއް އެ ޕޯޓަށް މުދާ ހިފައިގެން ގޮސްފިނަމަ މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން ބާޖަކަށް ނޫނީ ދޯންޏެއް ބޭނުންކޮށްގެން ކަމަށް މީގެ ކުރިން އެމްޕީއެލްއިން ބުނެފައިވެއެވެ. އެހެންވެ، ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވެސް އެމްޕީއެލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ