ޞަދަޤާތްކުރުމުން ލިބޭނެކަން ގިނަ ބައަކަށް ނޭނގޭ ބޮޑެތި ފައިދާތަކެއް އެބަހުރި!: ބިލާލް އައްސަދު

ޢާއިޝަތު ރަފާޙް ޢަލީ
 
އަޚުންނާއި އުޚްތުންނޭވެ! އިސްލާމްދީނުގައި ޞަދަޤާތުގެ މަތިވެރިކަމާއި މުހިންމުކަން ވަރަށް ބޮޑެވެ. މިކަން ޙަދީޘްފުޅުތަކުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. ރަސޫލުﷲ ﷺ ޞަޙީޙު މުސްލިމްގައި ޙަދީޘްކުރައްވާފައިވާ ފަދައިން: 
عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ ‏"‏ ‏.‏
"ޞަދަޤާތް ދިނުމަކުން މުދާ މަދެއް ނުވެއެވެ. އަދި އެއްވެސް މީހަކު މާފުކޮށްދިނުމަކުން، އެމީހެއްގެ ޢިއްޒަތް އިތުރުވެގެން މެނުވީ ނުދެއެވެ. އަދި އެއްވެސް މީހަކު ﷲ އަށްޓަކައި ތަވާޟުޢުވެރިވުމަކުން، އެމީހެއްގެ މަޤާމް މަތިވެރިވެގެން މެނުވީ ނުދެއެވެ." 
މި ޙަދީޘްފުޅުގައި ބަޔާންކުރެވިފައިވާ ތިން ކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އިސްކަންދޭންޖެހޭ މުހިންމު ކަންތައްތަކެވެ. އެއީ:
ޞަދަޤާތް ދިނުން
މާފުކުރުން
ތަވާޟުޢުވެރިވުން 
މި ތިން ކަމަކީ އަޅުގަނޑުމެންގެ ދުނިޔެވީ އަދި އާޚިރަތުގެ ދިރިއުޅުމަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަންތައްތަކެވެ. ޞަދަޤާތް ދިނުމުން މުދާ އިތުރުވެ، މާފުކުރުމުން ޢިއްޒަތް އިތުރުވެ، އަދި ތަވާޟުޢުވެރިވުމުން މަޤާމް މަތިވެރިވެގެންދާނެއެވެ. 
ހާވަރޑް ޔުނިވަރސިޓީގެ އިޤްތިޞާދީ ދާއިރާގެ ޕްރޮފެސަރ އާތަރ ބްރޫކްސްގެ ދިރާސާއިން ދައްކާގޮތުގައި، ޞަދަޤާތް ދިނުމުން މާއްދީ ގޮތުންވެސް ފައިދާ ކުރެއެވެ. އެމަނިކުފާނުގެ ދިރާސާއިން ދައްކާގޮތުގައި، ކޮންމެ 1 ޑޮލަރެއްގެ ޞަދަޤާތަކަށް، ޙަޔާތުގެ ފަހުކޮޅުގެ އަހަރުތަކުގައި އެވްރެޖްކޮށް 160 ޑޮލަރުގެ ފައިދާ ލިބެއެވެ. މިއީ އިސްލާމްދީނުގައި ބަޔާންކުރެވިފައިވާ ޙަޤީޤަތްތަކާ އެއްގޮތްވާ ކަމެކެވެ. 
އެހެންކަމުން، އަޅުގަނޑުމެން އެންމެން ޞަދަޤާތް ދިނުމަށާއި، މާފުކުރުމަށާއި، ތަވާޟުޢުވެރިވުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. މިކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދުނިޔެވީ އަދި އާޚިރަތުގެ ދިރިއުޅުން އިތުރަށް ފާގަތިވެގެންދާނެއެވެ. 
"އަޅުގަނޑުގެ ދަތުރުތަކުގައި ގިނަ މުއްސަނދިންނާއި، މިލިއަނަރުންނާއި، މަލްޓި-މިލިއަނަރުންނާއި އަދި ބިލިއަނަރުންނާ ބައްދަލުވެފައިވެއެވެ. އެ ފަރާތްތަކުން އަޑުއިވިފައިވާ އެއް ކަމަކީ، މުސްލިމުންނާއި މުސްލިމުން ނޫން މީހުންވެސް ޞަދަޤާތް ދިނުމުގެ މުހިންމުކަމެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޞަދަޤާތް ދިނުމަކީ އެމީހުންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. 
ޞަދަޤާތް ދިނުމުގެ މަޤްޞަދަކީ ހަމައެކަނި ޓެކްސް ދެއްކުމުން ސަލާމަތްވުމެއް ނޫނެވެ. އެއީ ބައެއް ީ ބައެއް ޤައުމުތަކުގައި އެ ފަރާތްތަކުން ޓެކްސް ނުދައްކާތީއެވެ. ނަމަވެސް، އެ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ޞަދަޤާތް ދިނުމުން އެމީހުންނަށް ފައިދާ ލިބެއެވެ. މި ކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތައް ކުރެވިފައިވެއެވެ. 
ޞަދަޤާތް ދިނުމަކުން މުދާ މަދެއް ނުވާނެއެވެ. މުދާ މަދުވާނަމަ، އެއީ ނުބައި މެނޭޖްމަންޓުގެ ސަބަބުންނެވެ. މިސާލަކަށް، ނުގަނެވޭވަރުގެ އެއްޗެހި ގަތުމާއި، މަނާ ކަންތައްތަކަށް ޚަރަދުކުރުމެވެ. މިއީ މުދާ މަދުވާ މައިގަނޑު ސަބަބުތަކެވެ. 
ރަސޫލާ ﷺ އަޅުގަނޑުމެންނަށް މިކަން އަންގަވާފައިވެއެވެ. އަދި އެ ބޭކަލުން ދިރިއުޅުއްވުމަށް ފައިސާއަށް ބަރޯސާވެ ވަޑައެއް ނުގަންނަވައެވެ. އެހެނަސް އެކަމަށްޓަކައި މަސައްކަތް ކުރައްވައެވެ. 
ޞަދަޤާތް ދިނުމުގެ މުހިންމު ފައިދާއެއްގެ ގޮތުގައި ފާހަގަކުރެވެނީ އުފެއްދުންތެރިކަމަށް މަގުފަހިވެ، އޭގެ ސަބަބުން ފައިދާ ލިބޭ ކަހަލަ މުއްސަނދިކަމުގެ ވިސްނުމެކެވެ. މި ކަންކަމުގެ ސަބަބުން ދިރިއުޅުމުގެ ހިތްހަމަޖެހުން އިތުރުވެ، ޕޮޒިޓިވް އިޙްސާސްތައް އިތުރުވެ، ނެގެޓިވް އިޙްސާސްތައް މަދުވެއެވެ. މިއީ އިތުރު ފުރުޞަތުތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ހުޅުވިފައިވާ ދޮރުތަކުން ވަނުމަކީ ﷲ އަށް އިތުބާރުކޮށް ބަރޯސާވުމެވެ. އަދި އެއާއެކު ޢަމަލުކުރުމާއި، ވިސްނުމާއި، ދުޢާކުރުމެވެ. މިއީ އެއްކަމަކު އަނެއްކަމަކާ ފުށުއަރާ ކަންކަމެއް ނޫނެވެ. ބައެއް މީހުން އަދިވެސް ކުށްހަދަނީ "އަހަރެން ދުޢާކޮށްފިން، އެހެންވީމާ އެހިސާބުން ނިމުނީ" މިފަދައިން ބުނުމުންނެވެ. ނަމަވެސް ތިބާ ވިސްނުން ބޭނުންކޮށް، ޢަމަލުކުރަން ޖެހޭނެއެވެ.
މިއީ އިސްލާމްދީނުގައި އަސާސީ މުހިންމު ކަމެކެވެ. އަދި ﷲ އަށް ބަރޯސާވުމެވެ. 
އަހަރެމެން އަބަދުވެސް ހަނދާންކުރަންވީ ކަމަކީ، ﷲ އަހަރެމެންނަށް ދެއްވާ ކޮންމެ އިމްތިޙާނަކީވެސް އަހަރެމެންގެ ހެޔޮއެދިވޮޑިގެންވާތީ ދެއްވާ އިމްތިޙާނެއް ކަމެވެ. އެކަލާނގެ އަހަރެމެންނަށް ދެއްވާ ކޮންމެ ނިޢުމަތަކީވެސް އަހަރެމެންގެ ހެވަށްޓަކައި ދެއްވާ ނިޢުމަތެކެވެ. އަދި އެކަލާނގެ އަހަރެމެންނަށް ދިމާކުރައްވާ ކޮންމެ އުނދަގުލަކީވެސް އަހަރެމެންގެ ހެވަށްޓަކައި ދިމާކުރައްވާ އުނދަގުލެކެވެ. 
އެހެންކަމުން، އަހަރެމެން އަބަދުވެސް ﷲ އަށް ޝުކުރުވެރިވާންވާނެއެވެ. އަދި އެކަލާނގެއަށް ބަރޯސާވާންވާނެއެވެ. އެކަލާނގެ އަހަރެމެންނަށްޓަކައި ކަނޑައަޅުއްވާފައިވާ ކަންތައްތަކަކީ އަހަރެމެންނަށް އެންމެ ހެޔޮވެގެންވާ ކަންތައްތައް ކަމުގައި ޔަޤީންކުރަންވާނެއެވެ. 
ނިންމާލަމުން ދަންނަވާނީ، އަހަރެމެން އަބަދުވެސް ﷲ އަށް ދުޢާކުރަމުން ގެންދަންވާނެއެވެ. އެކަލާނގެ އަހަރެމެންނަށް ތަނަވަސްކަން ދެއްވައި، އުނދަގޫތަކުން ސަލާމަތްކޮށްދެއްވުމަށް އެދެމުން ގެންދަންވާނެއެވެ. އަދި އެކަލާނގެ އަހަރެމެންނަށް ދެއްވާ ކޮންމެ ކަމަކަށް ރުހި ޤަބޫލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން ގެންދަންވާނެއެވެ. ﷲ އަހަރެމެން އެންމެންނަށް ހިދާޔަތާއި ތައުފީޤު ދެއްވާށިއެވެ. އާމީން.
 
- ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ