ފަނޑިޔާރުން އައްޔަނު ކުރާއިރު ސިޔާސީ ކަންކަމުގައި އުޅެފައިވޭތޯ ބަލަންޖެހޭ: ފާއިޒު

ފަނޑިޔާރުކަމަށް އައްޔަނު ކުރެވޭ މީހެއްގެ މާޒީ އޮތްގޮތެއް ބަލައި ފުރާނަން ޖެހޭނެ ކަމަށާ ހާއްސަ ކޮށް ސިޔާސީ ކަންކަމުގައި އުޅެފައި ހުރިތޯ ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެެވެ.
ފާއިޒު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ސުއޫދަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މި ސަރުކާރުގެ ބައެއް ވެރީންނާއި ކޮންގްރެސްގެ މަޖިލީސް މެންބަރުން ވަނީ ސިފަ ކޮށްފަ އެވެ. ސުއޫދު ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރީން ސިޔާސީ ކަންކަމުގައި ވަރަށް އެކްޓިވްކޮށް އުޅުއްވި އެވެ. އެމްޑީޕީގެ ވަރަށް ގިނަ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.
Advertisement
ސުއޫދުގެ ފޮޓޯއެއް ހިމަނާ ފާއިޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ފަނޑިޔާރު އުސްތާޒު ސުއޫދަކީ ފަނޑިޔާރުކަމުގެ ކެލިބާ  ހުރި ގާބިލު ބޭފުޅެކެވެ. ގާނޫނީ އަސާސްތަކަށް ބިނާކޮށް ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު މޮޅަށް ލިޔަން ދަންނަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވައިގަތް ބޭފުޅެއް ކަމަށެވެ.
ސުއޫދުގެ ބައެއް ނިންމެވުންތަކާ މެދު އުސޫލީ ގޮތުން އޭނާއާ ހިޔާލު ތަފާތުވުންތައް ހުރި ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރާގޮތުގައި ފަނޑިޔާރުކަމަށް އައްޔަނު ކުރެވޭ މީހެއްގެ މާޒީ އޮތްގޮތެއް ބަލައި ފުރާނަން ޖެހޭނެ. ވަކިން ހާއްސަކޮށް ސިޔާސީ ކަންކަމުގައި އުޅެފައި ހުރިތޯ ބަލަންޖެހޭނެ,"
ފާއިޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ޖޭއެސްސީން ވެސް އެކަންކަން ބައްލަވަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ