ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދައިފި

ޔުއޭފާ ޗެމްޕިއަން ލީގުގެ ކްއާާޓާ ފައިނަލްއިން އެފް ސީ ބާސެލޯނާ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކްއާޓާ ފައިނަލްއިން ބާސާ ޖާގަހޯދީ ރައުންޑް އޮފް 16 ގައި ބެންފީކާ އާ ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ރޭ ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު ބެންފީކާގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބާސާއިންނެވެ. އަދި ބާސާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީވެސް ބާސާއެވެ. ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ބެންފީކާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އުންމީދު އާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑާ ނިކޮލަސް އޮޑަމެންޑީއެވެ. މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލެމީން ޔަމާލް ކާމިޔާބު ކޮށްދިން ރީތި ލަނޑުންނެވެ. އަދި މެޗުގެ 42 ވަނަ މި ނެޓުގައި ބާސާގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަފީނިއާއެވެ. މިލަނޑު ޖެހުމުގެ ކުރިން އޮޓަމެންޑީ ކުރި ފައުލަކާއި ގުޅިގެން އެ ލަނޑު ބަލައިނުގެންކަމަށް ހީވިނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ވަނީ ބަލައިގެންފައެވެ. މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބާސާގެ އިތުރުން ބެންފީކާއަށްވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މި ކާމިޔާބީއާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަހޯދާފައިވާއިރު ކްއާޓާ ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ ބޮރޫޝިއާ ޑޯޓްމުންޑް އާއި ލީލް ބައްދަލުކުރަމުންދާ ރައުންޑް އޮފް 16 ގެ ކުރިމަތިލުމުން ކުރި ހޯދާ ޓީމަކާއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޑޯޓްމުންޑްގެ ދަނޑުގައި ކުޅެ ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ