އިލްމީ ދަތުރު: ދިވެހި ދަރިވަރުންގެ ދަރަނި އަބަދުމެ އޮންނަން ވާނީ މައިންބަފައިންނަށް

ފުވައްމުލަކުގެ އާދައިގެ ގެއެކެވެ. ހުރީ އެންމެ ކުއްޖެކެވެ. އުމުރުން 12 އަހަރުވެ 13އަށް އަޅަނީ އެވެ. އެއް ދުވަހަކު ރަށު ބަޔަކު އޭނާގެ ބައްޕައާ ދެއްކި ވާހަކައެއްގައި އެދުނީ ގޭގައި އެގޮތަށް ނުބަހައްޓާ ރިސޯޓަކަށް ފޮނުވުމަށެވެ. ނޫނީ ރަށު އޮފީހުން ކާތިބު ކަހަލަ މަގާމެއް ހޯދައިދީ، މަސައްކަތުގެ ތެރެއަށް ވައްދާށެވެ.
އެދުވަހު އެ ބައްޕަ ވިދާޅުވީ މިހެންނެވެ: އަހަންނަށް އަހަރެންގެ ދަރިފުޅަށް ކާންދެވިދާނެ އެވެ. އެކަމަކު އަހަރެން ބޭނުންވަނީ އޭނާއަށް ކިޔަވައިދޭށެވެ.
އެ ވާހަކައިގެ މާނަ ވަރަށް ފުނެވެ. އެ އުމުރުގައި ކިޔެވުމުގެ ފުރުސަތު ހޯދައިނުދީ ދަރިފުޅު ވަޒީފާއަކަށް ފޮނުވައިގެން ލާރި ހޯދުމުގެ ބޭނުމެއް އެ ބައްޕައަށް ނެތީ އެވެ. ހުވަފެނަކީ، އުއްމީދަކީ ދަރިފުޅު ކިޔަވައިގެން މޮޅު މީހަކަށް ހެދުމެވެ.
އޭގެ ގާތްގަނޑަކަށް 42 އަހަރު ފަހުން އެ ދަރިފުޅު އިންނެވީ އަޅުގަނޑުގެ ކުރިމަތީގައި، އެމަނިކުފާނުގެ އިލްމީ ދަތުރުގެ ވާހަކަ ކިޔައިދެއްވާށެވެ. އެކަމަށް އެދުނީ އަޅުގަނޑެވެ. ކޮންމެވެސް ގޮތަކުން އެ ވާހަކަ އަޑުއިވިގެންނެވެ.
ގެކޮޅުގެ ފޮތް ހަރުގަނޑުގެ ކުރިމަތީގައި، ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު އިންނަވައި، އެ ދަތުރުގެ ވާހަކަ ކުރިއަށް ގެންދެވި އިރު، އެންމެ ގިނައިން ތަކުރާރުކުރެއްވީ ބައްޕަ އަލްމަރުހޫމް އަހުމަދު އަބްދުﷲ ދީދީ، ރަށުގައި މަޝްހޫރު ނަމުން ނަމަ އަހައްމައިދީ އާއި މަންމަ މަރިޔަމް މުހައްމަދު ދީދީ ދެއްވި ތަރުބިއްޔަތެވެ. ދަރިފުޅާ މެދު ކުރެއްވީ އުއްމީދެވެ. ތައުލީމު ހޯއްދަވައިދެއްވަން ދުށް ހުވަފެންތަކެވެ.
"އަޅުގަނޑަށް ދަސްވި ފިލާވަޅަކީ ހަގީގަތުގައި އެދުވަހު ވެސް، އެންމެ ބޮޑު ރަހުމަތެއް މިއައީ ރަނގަޅު، އަޅާލާނެ އެ ވިސްނުން ތިބި މައިންބަފައިން ލިބުމޭ އެންމެ ބޮޑު ރަހުމަތަކީ،" މައިންބަފައިންނާ މެދު ޖަމީލް ވިދާޅުވި އެވެ.
ޖަމީލްގެ މަންމަ ފަރާތު ކާފަ މުހައްމަދު ސައީދަކީ ފަންނުވެރި މަސައްކަތްތެރިއެއް އެކަންޏެއް ނޫނެވެ. އޭނާއަކީ އަވަށްޓެރި ސްރީ ލަންކާއަށް ދަތުރުކުރެއްވި ކުޅަދާނަ، މައުލޫމާތު މުއްސަނދި މާލިމީ އެއްވެސް މެ އެވެ. އޭގެ އިތުރުން އަރަބި ބަހަށް ލޯބިކުރެއްވި އަދި ތައުލީމުގެ މުހިންމުކަން އެނގިވަޑައިގެންނެވި ބޭފުޅެކެވެ.
ދޮށީ ފިރިހެން ދަރިކަލުން، ޖަމީލްގެ ބޮޑުބޭބޭފުޅު އަދި ގާނޫނީ ވަކީލް، އަހުމަދު ނާސިރަށް ތައުލީމު ހޯއްދަވައިދެއްވަން އެ ކާފަ ކުރެއްވި މަސައްކަތް އޭރަށް ބަލާއިރު ފާހަގަކުރެވެ އެވެ. ފުރަތަމަ ފޮނުއްވީ އައްޑޫ ހުޅުމީދޫއަށެވެ. ފަހުން މާލެއަށެވެ. ދެން ނާސިރު ވަޑައިގަތީ ޕާކިސްތާނުން، ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީއަށެވެ.
އެ އާއިލާ ތެރޭގައި އޮތް ތައުލީމު ހޯދުމުގެ ނިޔަތް އައީ ފުޅާވަމުންނެވެ. ނާސިރު ކިޔަވާވިދާޅުވެގެން ރާއްޖެ ވަޑައިގެން، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނާފިޒު މުހައްމަދު އާއި ބޮޑުބޭބެ ވިދާޅުވާ ޖަމީލް މާލެ ގެންނެވި އެވެ. 
"ދެ މީހުންނަށް ދިނީ ދެ ފުރުސަތެއް. އެކަކު މާލޭގައި އަނެކަކު ބޭރަށް ދާން. ދެން އަޅުގަނޑު ހިތަށްއެރީ ބޭރު މޮޅުވާނޭ. އެހެންވެ ބުނީ އަޅުގަނޑު ބޭރަށް ދާން. ދިޔައިމަތާ ދެން އެނގުނީ ހާލަތާ އެއްޗެހި."
ޖަމީލް ޕާކިސްތާނަށް ވަޑައިގަތީ އިންޑިއާ މަގުން، ސަރަހައްދީ ރޮނގު ހުރަސްކޮށް، ލާހޯރުގެ ތެރެއިންނެވެ. މަންޒިލަކީ އޭރުވެސް ދިވެހި އެތައް ކުދިންނެއް ކިޔަވަން ތިބި ފައިސަލްއާބާދުގެ ޖާމިޔާ ސަލަފިޔާ އެވެ.
އެކަމަކު އުމުރުން އެންމެ 14 އަހަރުގެ ޖަމީލު ހީކުރެއްވި ކަހަލަ 'ފަސޭހަ' ތަނަކަށް އެތަން ނުވި އެވެ. ކާން ލިބެނީ ހެނދުނާއި ރޭގަނޑެވެ. ރޭގަނޑު ކެއުން އޮންނަނީ ހަވީރު އެވެ. ފުވައްމުލަކުގައި އުޅުއްވިއިރު ބޭނުން އިރަކު ކާން ލިބިވަޑައިނުގަންނަވާ ދުވަހެއް ނުދެ އެވެ. 
"ހަޔާތުގައި ފުރަތަމަ ފަހަރަށް ބަނޑުހައިހޫނުކަން އިހުސާސްވީ،" އެ ހަނދާންތައް އާކުރައްވަމުން ޖަމީލް ކިޔައިދެއްވި އެވެ.
"އެންމެ ބޮޑު ކަމަކަށް ދިމާވީ އެކަންތައް."
މާޔޫސްވެވަޑައިގަތެވެ. އޭރު އާއިލާއަށް ހާލުއަހުވާލު އަންގާލެވެން އޮންނަ ހަމައެކަނި ގޮތަކީ ސިޓީބިޓީ އެވެ. އެތަނުގެ ހާލަތާއި ތަހައްމަލްކުރައްވަން ޖެހިވަޑައިގަންނަވާ އުނދަގޫތައް މަންމަމެންނަށް ކިޔައިދެއްވައި، އެނބުރި ރަށަށް ގެންދަން ދަންނަވަން ވެސް، ފުރަތަމަ ހިތްޕުޅަށް އެރި އެވެ. ނަމަވެސް އެހާ ހިސާބުން ސިކުނޑިއަށް އައީ، މަންމަ އާއި ބައްޕަގެ އުއްމީދެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން އެނބުރި ރަށަށް ވަޑައިގަންނަވާ ތަން ބައްލަވަން ދުށް ހުވަފެންތަކެވެ.
"ދެން ހިތަށްއެރި މަންމަމެން ވަރަށް ދެރަވާނޭ. އެހެންވެ ކިޔައެއްނުދެން. [ސިޓީގައި ދެން ލިއުނީ] ވަރަށް ހަމަޖެހިގެންނޭ [އުޅެނީ]. ކެތްތެރިވީ. މީގައި އޮންނާނެ ގޮތަކީ މި ވެސް ފުރުސަތެއް ކަމަށް ބަލަައިގެން މިތަނުގައި ލިބެން ހުރި ފުރުސަތުގެ ބޭނުންކުރާނީއޭ. އެހެން ނޫނީ އެއްވެސް ތާކު ލައްވައެއް ނުލާނޭ،" ޖަމީލް ވިދާޅުވި އެވެ.
އެހެން ގިނަ ކުދިންނަށް އާއިލާއިން ކޮންމެވެސް ވަރަކަށް ފައިސާ ފޮނުވިޔަސް ޖަމީލުގެ  ބައްޕަމެންނަށް އެވަރެއް ނުކުރެއްވެ އެވެ. އެކަމަކު ބައެއް ދަރިވަރުން ދޭތެރެ ދޭތެރެއިން އޭނާ ގޮވައިގެން ބޭރަށް ގޮސް ސައިދީ ހަދަ އެވެ. އެއީ ހިތްޕުޅަށް ލިބިވަޑައިގެންނެވި ހަމަޖެހުމެކެވެ. ދެން ދިމާވި ނަސީބަކީ ކިޔަވަން ކުރެއްވި މަސައްކަތް، ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ އަދި ޖާމިއާ ސަލަފިއާގެ ވެސް ޓީޗަރަކަށް އުޅުއްވި އިސްމާއިލް މުހައްމަދު ވަޒަންކުރެއްވުމެވެ.
ދިވެހި ދަރިވަރުންގެ ފުރަތަމަ އަހަރު އޮންނަނީ އަރަބި ބަހާއި އުރުދޫ ބަސް ދަސްކުރުމެވެ. އެހެންކަމުން މަދަރުސާގެ ފުރަތަމަ އަހަރުގެ އާންމު ކިޔެވުމައިގެން އުޅެވޭ ވަރެއް ނުވެ އެވެ. ޖަމީލު ވަޑައިގެންނެވި އިރު ވެސް ކޮންމެވެސް ވަރަކަށް އުރުދޫ ބަހާއި އަރަބި ބަސް ދެނެވަޑައިގަނެ އެވެ. އެހެންކަމުން މަސައްކަތްކުރެއްވީ ފުރަތަމަ އަހަރު ވެސް އަސްލު ކިޔެވުމުން ފާސްވާށެވެ.
"ޝެއިހު އިސްމާއިލް ހުންނެވީ އެތަނުގައި، އެއީ އަޅުގަނޑުގެ ވެސް އުސްތާޒެއް. އިސްމާއިލްއަށް [އަޅުގަނޑުގެ ކިޔެވުމުގެ މަސައްކަތް] ވަރަށް ކަމުދިޔަ. [އެހެންވެ] ކޮންމެ މަހަކު ގެންދަވާ އެހެން ކުދިން ކައިރީ ނުބުނާށޭ ކިޔާފައި އިނާޔަތެއް [ދެއްވި]. އެ ހަގީގަތުގައި ވެގެން ދިޔައީ ސަވައިވްވަލްއަށް،" ޖަމީލް ވިދާޅުވި އެވެ.
މައިންބަފައިންގެ އުއްމީދު ހާސިލްކޮށްދެއްވި އެވެ. ޕާކިސްތާންގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި ޝަހާދާ ސާނަވިއްޔާ (އޯ ލެވެލް) އާއި އޭގެ އޭ ލެވެލް ވެސް ފުރިހަމަކުރެއްވި އެވެ. އޭގެ ފަހުން 1989ގައި އެނބުރި ރާއްޖެ ވަޑައިގެން، މަތީ ތައުލީމުގެ ފުރުސަތަށް މަދީނާ ޔުނިވަސިޓީ އާއި އިސްލާމްއާބާދު ޔުނިވަސިޓީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީއަށް ލިއުއްވި އެވެ. ފުރަތަމަ ފުރުސަތު ލިބިވަޑައިގަތީ އިސްލާމިކް ޔުނިވަސިޓިންނެވެ. އޭގެ ފަހުން އަނެއް ދެ ޔުނިވަސިޓީން ވެސް ކޯސް ހުށައެޅުއްވި އެވެ. ނަމަވެސް އޭރު މެލޭޝިއާގައި، ގާނޫނީ ރޮނގުން ކިޔަވާ ވިދާޅުވާން ނިންމަވައިފި އެވެ.
ޖަމީލަކީ ބޭރުގެ ޔުނިވަސިޓީތަކުން ގާނޫނީ ރޮނގުން ދިވެހިން ތައުލީމު ހާސިލްކުރުމުގެ ފުރަތަމަ ދުވަސްކޮޅުގެ އެއް ދަރިވަރެވެ. ރާއްޖެ ދުށް ކުޅަދާނަ ގާނޫނީ ވަކީލުން ކަމަށްވާ ފުރަތަމަ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އާއި ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ފަހުން ދެ ދައުރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި މުހައްމަދު ނަޝީދު އާއި ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއް ސުއޫދުމެންނަކީ، އިސްލާމިކް ޔުނިވަސިޓީގެ ދަރިވަރުންނެވެ.
އެ ބޭފުޅުންނާ ހިލާފަށް ޖަމީލްގެ ހިތްޕުޅުގައި، ފުރަތަމަ ޑިގްރީއާ ހަމައިން ކިޔެވުން ނިންމާލެއްވުމުގެ ނިޔަތެއް ނެތެވެ. އޭނާގެ އޮތީ ޕީއެޗު.ޑީއާ ހަމައަށް ވެސް ވަޑައިގަތުމުގެ އެދުމެވެ. އެހެންކަމުން އިސްލާމިކް ޔުނިވަސިޓީން ސެޓްފިކެޓް ހޯއްދަވައިގެން، އެހެން ވަކީލުންނެކޭ އެއްގޮތަށް އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތްކުރައްވަމުން، މާސްޓާސް ޑިގްރީއަށް ވެސް ހުށައެޅުއްވި އެވެ. އޮފީހުން އެ ހުއްދަ ނުދިނަސް އޭނާ މެލޭޝިއާއަށް އަލުން ވަޑައިގަތެވެ. އެކަމަކު އޭރު ކިޔަވަން އަމިއްލައަށް ހޭދަކުރެއްވޭނެ ފައިސާއެއް ވެސް ނެތްމެ އެވެ.
"ޔުނިވަސިޓީން ގަބޫލުކޮށްފައި އޮތީ [އަޅުގަނޑު] ޕޭކޮށްގެންނޭ ކިޔަވާނީ. [ދަރިވަރުންގެ ރަޖިސްޓްރީކުރުން] އޮތް ދުވަހު އަޅުގަނޑު ބުނިން އަޅުގަނޑު ގޮތަށް [ކުރިން ނަތީޖާ ލިބުނު އެހެން ކުދިންނަށް] ޔުނިވަސިޓީން ދިން ފުލް ސްކޮލޮޝިޕްގެ ފުރުސަތު ދޭނެ ކަމަށޭ ގަބުލުކުރީ. [އެހެން ބުނުމުން] އެމީހުން ހާސްވެގެން ބުނެފި އިހަށް ކްލާހަށް ދާށޭ އެކަން [އެވަގުތު] ޝޯޓްއައުޓް [ހައްލު] ނުވީމާ،" ޖަމީލު ކިޔައިދެއްވި އެވެ.
"ދެން [ކިޔެވުން ނިމި] ކޮންވޮކޭޝަން އޮތް ދުވަހު ބުނީ އެކޮމޮޑޭޝަން އާއި ފީއާ އެއްޗެހި ނުދައްކައޭ ތިއުޅެނީ. މި އެއްޗެހި ދެއްކީމައޭ ދެން ގުރެޖުއޭޓްވެވޭނީ. ދެން އަޅުގަނޑު ޔުނިވަސިޓީގެ ސެނެޓަށް އެޕީލްކުރީ. [އެންމެ ފަހުން] ޔުނިވަސިޓީން ފުލްފުލެޖް ސްކޮލޮޝިޕަކަށް ހަދައިދޭން ނިންމީ."
ޝައުގުވެރި އެވެ. ތައުލީމީ ހަޔާތުގެ އެކަހަލަ ފުރުސަތު އެހެން އަދި ދޫކޮށްނުލައްވާނެކަމުގެ ނަމޫނާއެކެވެ. މާސްޓާސް ހެއްދެވީ ގާނޫނީ ރޮނގުން ބޭންކިންގެ ދާއިރާއިންނެވެ.
ދެން އައީ ޕީއެޗު.ޑީގެ ދުވަސްވަރެވެ. އޭރު ޖަމީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ވިލާ ފައުންޑޭޝަނުން ވެސް އޭރު އޮތީ އެ ފުރުސަތު ދީފަ އެވެ. އެކަމަކު އެއަށް ވުރެ މާ ޝަރަފްވެރި ސްކޮލޮޝިޕެއްގެ ވާހަކަ، ކްރިމިނަލް ކޯޓުގައި އޭނާގެ ޕާސަނަލް ސެކްރެޓަރީގެ ފަރާތުން އެއް ދުވަހަކު އިވިވަޑައިގަތެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި އޮފީހަށް 8:00 ޖަހާކަންހާ އިރު ދިޔައީ. ދެން [އެ މުވައްޒަފު] ބުނެފި ފޮރިން މިނިސްޓްރީން ނެރެފައި އެބަ އޮތޭ ކޮމަންވެލްތުގެ ސްކޮލޮޝިޕެއް. އެ ދުވަހު 12 ޖަހާއިރު ސަބްމިޓްކުރަން ޖެހެނީ. އޭރު 9:30 ވެއްޖެ. އެތާ އިނދެ އަޅުގަނޑު ހަދަން ބޭނުންވާ ދާއިރާއާ ބެހޭ 1000 ވޯޑުގެ ލިއުމެއް [ލިއުނީ] އެއީ ކީއްވެގެންކަން އެ މައުލޫއު އަޅުގަނޑު ނެގީ. [އެއީ] ރައިޓް އޮފް އެކިއުސްޑް، މުއްތަހަމަކަށް ލިބިފައިވާ ހައްގު،" ޖަމީލް ވިދާޅުވި އެވެ.
ވިލާ ޝްކޮލޮޝިޕްގައި ކެނެޑާއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ނަމަވެސް މުޅި މި ސަރަހައްދަށް ހުޅުވާލައިފައި އޮތް ކޮމަންވެލްތުގެ ސްކޮލޮޝިޕްގެ ޝަރަފްވެރިކަން މާ ބޮޑެވެ. އެހެންވެ ހަމަ އެދުވަހު އެ ކޯހަށް އެދިވަޑައިގެންނެވި އެވެ. ބޭނުންފުޅުވަނީ ޔުނިވަސިޓީ އޮފް ލަންޑަންގައި ކިޔަވާވިދާޅުވާން ކަމަށް ވެސް، އެ ހުށައެޅުމުގައި ލިއުއްވި އެވެ.
ކަން ނިމިގެން އައީ އެހެންނެވެ. ތިން އަހަރުގެ ތެރޭގައި، ޖިނާއީ އިޖުރާއަތުގެ ދާއިރާއިން ޕީއެޗު.ޑީ ނިންމަވައި، މަންމަ މަރިޔަމް މުހައްމަދު ދީދީ ހުންނެވި ރަސްމިއްޔާތެއްގައި، އޭގެ ސެޓްފިކެޓް ހާސިލްކުރެއްވި އެވެ. ރާއްޖެ އެނބުރި ވަޑައިގަތީ 2005ގަ އެވެ.
ދެން އެ ފެއްޓެވީ މައުމޫންގެ ފަހު ދައުރު ޒުވާން މިނިސްޓަރުންތަކެއް ކެބިނެޓަށް ގެންނެވި ހިސާބުން، ޖަސްޓިސް މިނިސްޓަރުކަމުން، ސިޔާސީ ދާއިރާގެ ދަތުރެވެ. ނައިބު ރައީސްގެ މަގާމާ ހަމައަށް ވަޑައިގަތީ އެ މަސައްކަތުގަ އެވެ.
އިލްމަކީ ޖަމީލަށް މިއަދު ވެސް އެންމެ ބޮޑު ލޯތްބެވެ. ފޮތް ހަރުގަނޑުގައި އެހުރީ އެންމެ ބަހަކުން ލިއެފައި ހުރި ފޮތްތަކެއް ނޫނެވެ. އިނގިރޭސި، އަރަބި، އޮރުދޫ ބަހުގެ ފޮތްތަކެވެ. އޭނާއަށް އެ ހުރިހާ ބަހެއް ވެސް ރަނގަޅަށް އެނގިވަޑައިގަނެ އެވެ.
ޕާކިސްތާނުން ހޯއްދެވި ދީނީ އިލްމަކީ، ފަހުން ގާނޫނީ އެކި ދާއިރާއިން ހާއްސަވެވަޑައިގެންނެވި އިރު އޭގެ ތެރެއަށް އިސްލާމީ ޝަރީއާގެ ބައިތައް ކިޔަވާ ވިދާޅުވާން ފަސޭހަކޮށްދިން މުހިންމު އުނގެނުމެކެވެ. އެ ވާހަކައިގެ ހުލާސާއެއް ދެއްވި އެވެ.
"އަޅުގަނޑުގެ ސެކަންޑަރީ އާއި ހަޔާ ސެކަންޑަރީއަކީ މުޅިން ވެސް ދީނީ ތައުލީމު. އެހެންވީމާ ހަދީސް އިލްމާއި ގުރުއާންގެ ބައިތަކަށް ފޯކަސް އޮންނަނީ. ހަދީސްގެ ހުރިހާ ފޮތްތަކެއް ނިންމާ ހަތަރު ވަނަ އަހަރާ ހަމައަށް ދާއިރު. ގުރުއާން ތަފްސީރު، ދީނީ ތައުލީމު ވަރަށް ބައިވަރު ކިޔަވައިދީފައި ހުރީ،" ޖަމީލް ވިދާޅުވި އެވެ.
އެހެންކަމުން އިސްލާމިކް ޔުނިވަސިޓީގައި އުޅުއްވި އިރު ވެސް ދީނީ މާއްދާތައް ވަރަށް ފަސޭހަވި އެވެ. ކޮމަން ލޯ އާއި އިސްލާމީ ޝަރީއާގައި ކަންކަން އޮންނަ ގޮތުގެ އަޅާބެލުމުގެ ދިރާސާތައް އުނދަގޫ ކަމަކަށް ނުވި އެވެ.
ދިވެހިން އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލްކުރުން ފުޅާވުމުގެ ރަން ޒަމާން ފެށިގެން އައީ ޖަމީލުމެންގެ އެ ދުވަސްވަރު އެވެ. އޭގެ އެންމެ ބޮޑު ހައްގެއް އޮތީ، މިއަދު ވެސް އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ދިވެހި މައިންބަފައިންނަށެވެ. އެއީ ދިވެހި ދަރިވަރުން އަދާކުރަން ޖެހޭ އެންމެ ބޮޑު ދަރަނި ކަމަށް ވެސް ވިދާޅުވި އެވެ.
"އާންމު [ދިވެހި މައިންބަފައިން] ކުދިންގެ [ތައުލީމަށް] އެ މީހުންގެ މުޅި ހަޔާތުގެ ހުރިހާ އުފަލެއް ގުރުބާންކޮށްލާތާ. އަޅުގަނޑަށް ފެނުނު ތަނުގައި، ތިން ތަނެއްގައި މިކިޔެވުނީ، ޕާކިސްތާން، މެލޭޝިއާ، ޔޫރަޕް/ޔޫކޭއިން. އެއިން ކޮންމެ ތަނަކަށް ބެލިކަމުގައި ވިޔަސް ދިވެހިރާއްޖޭގެ މައިންބަފައިންގެ އެ ހުންނަނީ އެމީހުންގެ ހުރިހާ އެއްޗެއް ގުރުބާންކޮށްފައި ވެސް ދަރިންނަށް ރަނގަަޅު ތައުލީމެއް ހޯދައިދިނުމުގެ [އަޒުމް]އޭ،" ޖަމީލް ވިދާޅުވި އެވެ.
"އެންމެ ބޮޑަށް މިއަދު ވެސް ހިތަށްއަރަނީ، [ފާހަގަކުރަން ބޭނުންވަނީ] ޝުކުރުވެރިކަމާ އެކީ އެކަން."
ޝުކުރުވެރިވުމާ ބެހޭ ގޮތުން ގުރުއާނުންނާއި ރަސޫލާގެ ހަދީސްތަކުން ތަފާތު މިސާލުތައް ދެއްކެވި އެވެ. އިސްލާމީ ޝަރީއާ އާއި އެހެން ސަގާފަތްތަކުގެ ތެރޭގައި އޮންނަ ގާނޫނީ ހަމަތަކުގެ ތަފާތުތައް ކިޔައިދެއްވި އެވެ. ޖަމީލްގެ އެހުރިހާ ވާހަކައިން ވެސް، އަޑުއަހަން އިންނަ މީހަކަށް އެނގޭނީ، އެމަނިކުފާނުގެ މައުލޫމާތުގެ މުއްސަނދިކަމެވެ.
އަޅުގަނޑާ އެތައް ފަހަރަކު ބައްދަލުވެ، ސިޔާސީ މައުލޫއުތަކުން ބޭރު ތަފާތު އެހެން ވާހަކަތައް ދައްކާއިރު އަބަދުވެސް ވިސްނެނީ 'ކުރިމަތީގައި މި އިންނެވީ ދިވެހިންނަށް އާންމުކޮށް މި އެނގޭ ޖަމީލެއް' ނޫނޭ އެވެ. މިއީ އެއަށް ވުރެ އިލްމީ ގޮތުން މާ ހަރުދަނާ އަދި ފޮތްތަކުން ހިތްޕުޅު އަލިކުރައްވައިގެން އިންނެވި ބޭފުޅެއް ކަމެވެ.
އެމަނިކުފާނުގެ މައިންބަފައިންނާއި ދިވެހި އެހެން މައިންބަފައިން އިލްމަށް އެ ދޭ ލޯތްބާއި އެމީހުންގެ ހުވަފެންތަކުގެ މަތިވެރިކަމަކީ ދަރިންނަށް ނިއުމަތެއް ކަމަށް އަބަދުމެ ގަބޫލުކުރައްވަނީ، އެ ވިސްނެވުމުގެ ތެރެއިންނެވެ.
އެދުވަހު ރިސޯޓަކަށް ނުވަތަ ރަށުގެ ވަޒީފާއަކަށް ޖަމީލް ފޮނުއްވުމުގެ އިހުތިޔާރު ބައްޕައަށް އޮތްމެ އެވެ. ނަމަވެސް ހިޔާރުކުރެއްވީ އެއެއް ނޫނެކެވެ. ޖަމީލު ޖަމީލަކަށް ވެވަޑައިގަތީ ބައްޕަމެންނާއި މުޅި އާއިލާ ތެރޭގައި އޮތް އިލްމުގެ މަތިވެރި ލޯބިކަމާ މެދު ޝައްކެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ