ޓްރަމްޕާ ގުޅޭ ގޮތުން ކުރެވުނު ބައެއް ޕޯސްޓުތަކާ ގުޅިގެން މަސްކް ހިތާމަ ފާޅުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބިލިއަނަރު އީލޮން މަސްކާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ގުޅުން ގޯސްވެފައި އޮތުމަށްފަހު، މަސްކް އެކަމާ ގުޅިގެން ހިތާމަފާޅުކުރައްވައިފިއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ވިދާޅުވީ، “މިދިޔަ ހަފްތާގައި ރައީސް ޓްރަމްޕާ ގުޅޭގޮތުން އޭނާ ކުރި ބައެއް ޕޯސްޓުތަކާ މެދު ހިތާމަކުރާ ކަމަށާއި އެ ޕޯސްޓުތައް ވަރަށް ބޮޑަށް ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.
މަސްކާއި ޓްރަމްޕާ ދެމެދު އުފެދިފައިވާ ހޫނުގަދަ ފިތުނަ ފެންމަތިވެގެން އައީ ޖޫން 5 ވަނަ ދުވަހުއެވެ. އެއީ ޓްރަމްޕްގެ އަރިސް އެޑްވައިޒަރެއްގެ މަގާމުން މަސްކް ވަކިވެވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުންނެވެ. މިއީ އެމެރިކާގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ބާރުގަދަ އެއް ގުޅުން ކެނޑިގެން ދިޔަކަން އަންގައިދޭ ކަމެއްގެ ގޮތުގައި ބެލެވުނުކަމެކެވެ.
މި މައްސަލަ ފެށުނީ ޓްރަމްޕްގެ ޓެކްސް ބިލަށް މަސްކް ފާޑުވިދާޅުވުމުންނެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ކުރީގެ އެޑްވައިޒަރާ މެދު ހިތްހަމަޖެހިވަޑައިގެންފައި ނުވާ ކަމަށާއި، މަސްކްއަށް ‘ޑިރޭންޖްމަންޓް ސިންޑްރޯމް’ ޖެހިފައިވާ ކަމަށެވެ.
ޖަވާބުގައި، މަސްކް ވަނީ ވަގުތުން ރައްދު ދެއްވާފައެވެ. ޓްރަމްޕް އަލުން އިންތިޚާބުކުރުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކުރެއްވި މަސްކް ވިދާޅުވީ، ޓްރަމްޕަކީ ޝުކުރުވެރި ނުވާ ބޭފުޅެއް ކަމަށާއި، އޭނާގެ އެހީތެރިކަމެއް ނެތި ޓްރަމްޕަށް ރިޔާސީ ގަނޑުވަރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
މައްސަލަ އިތުރަށް ގޯސްވީ، ޖިންސީ ފުރައްސާރަ ކުރި ކަމަށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ތަހުގީގު ލިޔެކިޔުންތަކުގައި ޓްރަމްޕްގެ ނަން ހިމެނޭ ކަމަށް މަސްކް އެކްސްގައި ލިޔުއްވުމުންނެވެ. ފަހުން އެ ޕޯސްޓު ވަނީ ޑިލީޓްކޮށްފައެވެ.
މި ދެބަސްވުންތަކުގެ ތެރެއިން ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ދޭ ކޮންޓްރެކްޓުތައް ހުއްޓާލުމަކީ ބަޖެޓުން ފައިސާ ސަލާމަތް ކުރުމަށް “އޮތް އެންމެ ފަސޭހަ ގޮތް” ކަމަށް ވިދާޅުވެފައެވެ. އެ ދުވަހު ޓެސްލާގެ ހިއްސާގެ އަގު 14 އިންސައްތަ ދަށްވެ، ކުންފުނީގެ މާކެޓް އަގުން 150 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއް ގެއްލިގެން ދިޔައެވެ.
މިހާރު ޓްރަމްޕް ވެސް ހީވަނީ މަޑުމައިތިރިގޮތެއް ޚިޔާރުކުރައްވާހެންނެވެ. “ނިއުޔޯކް ޕޯސްޓް” އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މަސްކްގެ ފާޑުކިޔުންތަކާ މެދު ހިތްހަމަނުޖެހުނު ނަމަވެސް، އޭނާއާ އަލުން ގުޅުން ބަދަހިކުރުމާމެދު ވިސްނާނެ ކަމަށެވެ.
މަސްކް މިކަމުން ފަހަތަށް ޖެހެން އުޅޭ ސަބަބު އޭނާގެ ހަ ކުންފުންޏަށް އޮތް ނުރައްކަލުން ދޭހަވެއެވެ. މި ކުންފުނިތަކަކީ ސަރުކާރުގެ ބާރުގަދަ ގަވާއިދުތަކެއްގެ ދަށުން ހިނގާ ތަންތަނެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، މަސްކް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމާއި، ޓްރަމްޕް އަޒުލް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އޭނާއަކީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށާއި އެހެނިހެން ރިޕަބްލިކަން ކެންޑިޑޭޓުންނަށް އެހީވުމަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަކުރެއްވި އެންމެ ބޮޑު އެއް ޑޯނަރެވެ.
އެހެންކަމުން، ޓްރަމްޕްގެ އަރިސް އެޑްވައިޒަރެއްގެ ދައުރު ނިމުނު ކަމުގައި ވިޔަސް، އޭނާގެ އެޖެންޑާއަށް އެހާ ބޮޑު ހޭދައެއް ކޮށްފައިވާތީ، ޓްރަމްޕްގެ ސަރުކާރާ އޮތް ގުޅުން އެއްކޮށް ކަނޑާލަން މަސްކް ބޭނުންފުޅުވާނެ ކަމަކަށް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ