މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މުރައިދޫ ބަލިކޮށް ކެލާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން މުރައިދޫ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި އަށް ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކެލާ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މުރައިދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ހުސެއިން ފަލާހް
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ ފުރަތަމަ ދެ ސެޓް 22-25 އަދި 19-25 ގެ ނަތީޖައަކުން ކާމިޔާބުކުރީ ކެލާ ޓީމުންނެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެމުންދިޔަ، މުރައިދޫ އިން ވާނީ ޖެހިގެންއައި ދެ ސެޓް 30-28 އަދި 25-22 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 15-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކެލާ ޓީމުން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެލާ ޓީމުގެ މުއައްވަޒް އާދަމް އެވެ.
ޝަރަފްވެރި މެހެމާން މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ.. ފޮޓޯ: ހުސެއިން ފަލާހް
މި މުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާމި ދެޓީމު ސެމީފައިނަލަށް ހޮވުނުއިރު، މުބާރާތުން ފައިނަލުގައި ކެލާ ޓީމު ނުކުންނާނީ ފިއްލަދޫ އާއި ދެކޮޅަށެވެ.
މުރައިދޫ އާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ހުސެއިން ފަލާހް
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
ވާދަވެރި ކުޅުމަކަށްފަހު މުރައިދޫ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކެލާ އިން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ