މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 21) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ދެ ވަނަ މެޗުތަކުން މޮޅުވެ، ޖަރުމަނުގެ ބަޔާން މިއުނިކާއި ބްރެޒިލްގެ ފްލަމެންގޯ އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ގްރޫޕް ޑީގައި، ޗެލްސީ އަތުން ފްލަމެންގޯ އިން ވަނީ ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. އަދި، ގްރޫޕް ސީގައި، ބަޔާނުން ބޮކަ ޖޫނިއާސްގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ. ފްލަމެންގޯ އިން ފުރަތަމަ މެޗުގައި، ޓިއުނީޝިއާގެ އެސްޕަރެންސް އަތުން 2-0 އިން މޮޅުވިއިރު، ބަޔާނުން ފުރަތަމަ މެޗުގައި، ނިއު ޒީލެންޑްގެ އޯކްލެންޑް އަތުން 10-0 އިން ރެކޯޑް މޮޅެއް ހޯދި އެވެ.
ޗެލްސީން ރޭގެ މެޗުގައި، ފުރަތަމަ ހާފުގައި ޕެޑްރޯ ނެޓޯ ޖެހި ގޯލުން ލީޑުގައި އޮވެ މި ހާފު ނިންމައިލި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ބަދަލެއް ގެނެސްގެން، ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި، ފްލަމެންގޯ އިން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، ފްލަމެންގޯ އަށް އެއްވަރުކޮށްދިން ގޯލު، 62 ވަަނަ މިނިޓްގައި، ބްރޫނޯ ހެންރީކޭ ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން، ޑަނީލޯ ވަނީ ފްލަމެންގޯ އަށް ލީޑުނަގައިދީފަ އެވެ. މި ދެ ގޯލަށް ވެސް ފުރުސަތު ހޯދައިދިނީ ގޮންޒާލޯ ޕްލާޓާ އެވެ.
ބަދަލަކަށް ކުޅެން އެރި، ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން، އޭނާގެ 24 އަހަރުވީ އުފަން ދުވަހު، ކުޅެން އެރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި، ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. ޗެލްސީގެ އެއް ކުޅުންތެރިއަކު މަދުވި ފަހުން، ފްލަމެންގޯގެ ފަހު ގޯލު ޖެހީ، ވަލަސް ޔަން އެވެ.
ބަޔާނުން ފުރަތަމަ ހާފުގައި، މެޗުގެ 18 ވަނަ މިނިޓްގައި، ހެރީ ކޭން ޖެހި ގޯލުން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި، ބޮކަ ޖޫނިއާސް އިން އެއްވަރުކުރީ، 66 ވަަނަ މިނިޓްގައި، މިގޭލް މެރެންޝިއޭލް ޖެހި ގޯލުންނެވެ. މެޗުން ބަޔާން މޮޅުކޮށްދިން ގޯލު 84 ވަނަ މިނިޓްގައި، މައިކަލް އޮލީސޭ ކާމިޔާބުކުރީ، ކޭން ދިން ބޯޅައަކުންނެވެ.
ބަޔާނާއި ފްލަމެންގޯ ކްލަބް ވޯލްޑް ކަޕް ދެ ވަނަ ބުރަށް ބަޔާނާއި ފްލަމެންގޯ ކްލަބް ވޯލްޑް ކަޕް ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ