ލިވަޕޫލް (ޖޫން 21) - ލިވަޕޫލަށް ސޮއިކުރުމަށް ފަހު އަމާޒަކީ ވާދަކުރާ ކޮންމެ މުބާރާތެއްގެ ވެސް ތަށި ހޯދުން ކަމަށާއި އެ ޓީމާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ވެސް އެކަން ހާސިލްކުރެވޭނެ ކަމުގެ އިތުބާރު އޮތުން ކަމަށް ބަޔާ ލެވަކޫސަން ދޫކޮށް، ލިވަޕޫލަށް ސޮއިކުރި ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ބުނެފި އެވެ.
ލިވަޕޫލާ އެކު، ވާޓްޒް ސޮއިކުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.
އިނގިރޭސިވިލާތާއި ޖަރުމަަނުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވާޓްޒް، 22، ގަންނަން ލިވަޕޫލުން ފުރަތަމަ ލެވަކޫސަނަށް ދައްކާނީ 135 މިލިއަން ޑޮލަރެވެ. އަދި، ލިވަޕޫލާ އެކު، ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 15 މިލިއަން ޑޮލަރު ދައްކާނެ އެވެ. ލިވަޕޫލްގައި ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، ލެވަކޫސަނަށް ދައްކަން ޖެހޭ ހުރިހާ ފީއެއް ދޭންޖެހިއްޖެނަަމަ، ވާޓްޒް ވެގެންދާނީ، ޕްރިމިއާ ލީގުގެ ކްލަބަކުން ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ.
"އަހަރެން ބޭނުން ކޮންމެ އަހަރަކު ވެސް ހުރިހާ މުބާރާތެއް ކާމިޔާބުކުރަން، އެކަން ހާސިލްކުރެވޭތޯ ކުރަން ހުރި މަސައްކަތް ކުރަން އަހަރެން މި ހުރީ ތައްޔާރަށް،" ލިވަޕޫލަށް މިހާތަނަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ، ވާޓްޒް ބުންޏެވެ.
ވާޓްޒް ބުނީ، ލިވަޕޫލުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އޭނާގެ އުންމީދަކީ އެ މުބާރާތް އަނެއްކާ ވެސް ލިވަޕޫލަށް ހޯދައިދިނުމަށް ކަމަށެވެ.
"ދެން، ޗެމްޕިއަންސް ލީގުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެ ކާމިޔާބު ހޯދަން ބޭނުން،" ވާޓްޒް ބުންޏެވެ.
މެންޗެސްޓާ ސިޓީން ވެސް ހުށަހެޅުމެއް ލިބުނު ވާޓްޒް ބުނީ، ލިވަޕޫލާ ގުޅުމުގެ ކުރިން، މީގެ ކުރިން ލިވަޕޫލަށް ކުޅުނު ކުޅުންތެރިންނާ ވާހަަކަތަކެއް ދެކެވުނު ކަމަށާއި މިއީ، އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ލެވަކޫސަން ސީނިއާ ޓީމަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް ކުޅެދިން، 197 މެޗުން 57 ގޯލު ޖަހައިފަ އެވެ. އަދި، ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، ވާޓްޒް މުހިންމު ރޯލެއް ކުޅުނެވެ. ޖަރުމަނު ގައުމީ ޓީމަށް، 2021 ވަނަ އަހަރު ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް 31 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
ލިވަޕޫލާ އެކު ވާޓްޒްގެ އުންމީދުތައް ވަރަށް މަތި ލިވަޕޫލާ އެކު ވާޓްޒްގެ އުންމީދުތައް ވަރަށް މަތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ