ކުލަބު ވޯލްޑްކަޕް: ޖެކްސަންގެ ރަތް ކާޑާއެކު ފްލެމެންގޯ އަތުން ޗެލްސީ ބަލިވެއްޖެ

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިރޭ ޕްރެމިއާ ލީގުގެ ޗެލްސީ އާއި ބްރެޒިލްގެ ފްލެމެންގޯ ވާދަކުރި މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ފްލެމެންގޯ އިން ކާމިޔާބުކޮށްފިއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ފްލެމެންގޯ އޮތްއިރު، މިމެޗުން ބަލިވި ޗެލްސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ލޮސް އެންޖެލެސް އެފްސީ އަތުން މޮޅުވެފައިވާއިރު، ފްލެމެންގޯގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސްޕެރެންސް ޓޫނިސް ބަލިކޮށްފައެވެ.
ޕެޑްރޯ ނެޓޯ ޗެލްސީ ލަނޑު ކާމިޔާބުކޮށްދެނީ..
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްލެމެންގޯ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ އެވެ. މިއީ މިމުބާރާތުގައި ޗެލްސީ ކުޅުނު ދެމެޗުގައި ނެޓޯ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ބްރޫނޯ އެންރީކޭ ފްލެމެންގޯއަށް ނަތީޖާ އެއްވަރުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ..
މެޗުގެ ދެވަނަ ހާފުގައި ފްލެމެންގޯ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖްރިބާކާރު ފޯވާޑް ބްރޫނޯ ހެންރީކޭ އެވެ.
ފްލެމެންގޯ އިން މެޗުގެ ލީޑުހޯދި ލަނޑު އޭގެ ތިންމިނެޓް ފަހުން ބްރޫނޯ ހެންރީކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ޑިފެންޑަރު ޑެނިލޯ އެވެ.
ޑެނީލޯ ފްލެމެންގޯއަށް ލީޑު ހޯދައިދިނުމަށްފަހު އުފާފާޅުކުރަނީ..
ޗެލްސީއަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ސެނަގާލް ފޯވާޑް ކުޅެން ނިކުތްތާ ހަތަރު މިނެޓް ނުވަނީސް ފްލެމެންގޯގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނައަށް ސީދާ ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކި ބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
ޗެލްސީ އިން އެއްކުޅުންތެރިޔަކު މަދުވުމުގެ ފައިދާނަގައި ފްލެމެންގޯ އިން އެޓީމުގެ ލީޑު ފުޅާކުރީ ފަހުހާފުގެ 83 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭގެ މިނެޓެއް ކުރިން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ވޮލެސް ޔާން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފްލެމެންގޯ ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ