ކާނާ ވިހަވި 19 ބިދޭސީން ފަރުވާއަށް ފަހު ދޫކޮށްލައިފި

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ރޭ ކާނާ ވިހަވަގެން ހޮސްޕިޓަލަށް ގެންދިޔަ ހުރިހާ ބިދޭސީންތަކެއް ފަރުވާއަށް ފަހު މިއަދު ދޫކޮށްލައިފިއެވެ. ރޭ އެ ސެންޓަރުގައި ތިބި 19 ބިދޭސީއަކު ކާނާ ވިހަވެ، ފަރުވާ ދޭން ފެށީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާ ދިނުމަށް ފަހު، އޮބްޒަވޭޝަންގައި ހުރިހާ ބިދޭސީން ބޭއްވި ކަމަށެވެ. އޭގެ ފަހުން، މިއަދު ފަތިހު ހުރިހާ އެންމެން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. https://www.sun.mv/202903 މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ރޭ ބުނީ، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރުމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ މައްސަލަ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާއިރު، ސީރީއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ