ރިސޯޓްތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ އަރި ޒޯނުގައި ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އިން ފުރަތަމަ މޮޅު ހޯދިއިރު، ކުރަމަތި މޯލްޑިވްސް އިން ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގެ މައްޗަށް ކުރިހޯދައިފި އެވެ.
އަރި ޒޯނުގައި މިއަދު ހަވީރު ބާސެލޯ އިން ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ލިލީ ބީޗް އިންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި މި ގޯލު އެ ޓީމަށް ޖަހައިދިނީ ހުސެއިން ވިޔާމް އެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފުގައި ބާސެލޯގެ އަހުމަދު މައިސޫން ވަނީ މޮޅު ކުޅުމެއް ދައްކައި ހަތަރު ގޯލު ޖަހއިދީ ބާސެލޯ މެޗުން މޮޅުކޮށްދީފަ އެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ލިލީ ބީޗްގެ މައްޗަށް ކުރަމަތިން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
ކުރަމަތި ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
މި މެޗުގެ ފަސްވަނަ މިނިޓްގައި ކުރަމައްޗަށް ލީޑު ނަގައިދިނީ މުހައްމަދު ސާއިން ޖަހައިދިން ގޯލުންނެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނިޓްގައި ކުރަމަތީގެ ލީޑު ފުޅާކޮށްދިނީ ހަސަން ސާދިން އެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން ލިލީ ބީޗްގެ އަހުމަދު ޖައިޝަމް ވަނީ ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ.
ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޮންރެޑް ނޫން ޓީމަކުން މި ޒޯނުގެ ތަށި ނެގުނު ހަމައެކަނި ޓީމަކީ ވިލަމެންދޫ އެވެ.
އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.
ރިސޯޓް ލީގު: ބާސެލޯ އާއި ކުރަމައްޗަށް މޮޅެއް ރިސޯޓް ލީގު: ބާސެލޯ އާއި ކުރަމައްޗަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ