ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް ހާޒިރު ނުވާތާ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި އަމަރުކުރީ އެއްވަސް މަގުބޫލު ސަބަބެއް ނެތި ކޯޓުގެ އަަޑުއެހުންތަކަށް ހާޒިރުނުވާތީ، ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުމުންނެވެ.
މަންޑޭ ވަނީ މީގެ ކުރިން އޭނާއަަށް ހާޒިރު ނުވެވޭތީ ޑޮކްޓަރުގެ ލިޔުން ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އެ ލިޔުންތަކުގައި ޝަރީއަތަށް ހާޒިރުނުވެވޭ ވަރު ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.
މަންޑޭ ކޯޓަށް ހާޒިރުވާން އުޒުރުވެރިވީ ދުވަސްތަކުގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުން ހިމެނޭހެން، އޭނާ މަގުމަތިން ފެނިގެން މީހުން ކޯޓަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި ކަމަށް ވެސް ހަބަރުތަކުގައި ވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، މިއަދުގެ އަޑުއެހުމަށް ވެސް މަންޑޭ ހާޒީރުކުރީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރެއްގެ ދަަށުންނެވެ. އަދި މަންޑޭ އާއި މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދުގެ ފަރާތުން ވެސް ޝަރީއަތަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޭޕާކު މައްސަލައިގައި މަންޑޭއަށް ކުރަނީ 104 ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑަރިން ދައުވާ އެވެ.
މި މައްސަލައިގައި ޖައިޝާންއަށް ކުރަނީ 74 ދައުވާއެކެވެ. އެއީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އާއި ޓެކުމުގެ ބައިވެރިވުމުގެ ކުށުގެ 27 ދައުވާ އާއި ޓެކުމުގެ 30 ދައުވާގެ އިތުރުން އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.
މި ދައުވާތައް ސާބިތުވެއްޖެ ނަމަ މި ދެ މީހުންގެ މައްޗަށް ވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޝަރީއަތް ނިމެންދެން ކޭޕާކު މަމްދޫހު ބަންދުކުރަން އަމުރުކޮށްފި ޝަރީއަތް ނިމެންދެން ކޭޕާކު މަމްދޫހު ބަންދުކުރަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ