މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރަން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ އީރާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާ އެކު ހިންގަވާފަ އެވެ.
ތަފްސީލު - އީރާނުގެ އާ ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން އެ މަނިކުފާނު ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
އެއަށް ފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތް ތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރަން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.
ސަފީރު ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރައްވައި އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ.
ގުޅުންހުރި ކަމެއް - އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، ރައީސް މުއިއްޒު މީގެ ކުރިން އެ ހަމަލާތައް ކުށްވެރިކުރައްވާފައިވެ އެވެ.
މެދުއިރުމަތީގެ ސުލްހައަށް މަސައްކަތް ކުރަން ރާއްޖެ ތައްޔާރު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ