އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު, އަލުން މިރޭ އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފި އެވެ.
މީގެ ދެ އަހަރު ކުރީން ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެގެންނެވެ. ނަޝީދުގެ ވަފާތެރި ހުރިހާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދާފަ އެވެ.
ނަމަވެސް ދެ އަހަރު ފަހުން އެ ބޭފުޅުން މިރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ. ރައީސް ނަޝީދުއާ އެމަނިކުފާނުގެ ވަފާތެރި މެންބަރުންނަށް މަރުހަބާ ކިޔުމަށް މިރޭ ސަލްޓަޕް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީއާ އަލުން ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ނަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވި އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ޝުކުރުގެ ލިސްޓްގައި ވަކީން ފާހަގަ އެއް ނުކުރެއްވި އެވެ.
"ޕާޓީގެ ޗެއާޕާސަން އޮނަރަބަލް ފައްޔާޒް އިސްމާއީލްއާ އަދި ޕާޓީގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދު އަށާއި ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑަށް ތިކިޔުއްވި ހޫނު މަރުހަބަޔަށް ތިބަހައްޓަވާ ގާތް ކަމަށް ތިޔަ ބަހައްޓަވާ އެކުވެރިކަމަށް ދުވަހަކުވެސް ދުރުނުވާ ގުޅުމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން," ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެމަނިކުފާނު މިވަގުތު ރާއްޖޭގައި ވަޑައިގެންނެތެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް
ނަޝީދު ވިދާޅުވީ އެމްޑީޕީގައި ދެ އަހަރު ދުރުގައި ހުންނެވުމަށް ފަހު މިރޭ އަލުން އެނބުރި އެމްޑީޕީއާ ގުޅުމަކީ އިންތިހާއަށް އުފާވާ ކަމެއް ކަމަށެވެ. ވިދާޅުވީ އެނބުރި ގެއަށް އައުމުގެ އުފާ ލިބިވަޑައިގެންފައިވާ ކަމަށެވެ. މިރޭގެ ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ވިދާޅުވީ ރައްޔިތަކަށް ހެވެއް ހޯދައިދޭން މަސައްކަތް ކުރާނެ ޕާޓީއެއް އެމްޑީޕީ ނޫނީ ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާ އެމަނިކުފާނު ސިޔާސީ މަސައްކަތަށް ނިކުމެ އޮތީ އެންމެ މަގްސަދެއްގައި ކަމަށެވެ. އެއީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިކުމެ ކުރާ މަސައްކަތަކީ މާތް މަގްސަދެއްގައި ކުރާ މާތް މަސައްކަތެއް," ގިނަ ބަޔަކު ބައިވެރިވި ފޯރިގަދަ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ވޮއިސް
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުމުގެ މައްސަލަ ކަމަށެވެ. އަންނަ އަހަރަކީ ދަރަނީގެ ގޮތުގައި ދެ ބިލިއަން ޑޮލަރުގެ އަނބުރާ ދައްކަން ޖެހޭ އަހަރެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ކުރިއަރާ ދާނެ ގޮތެއް ނެތި ހުއްޓިފައިވާ ކަމަށެވެ.
މުސާރަ ދިނުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށާ ގައުމު އޮތް ހާާލަތު ރަނގަޅު ކުރަން އެމްޑީޕީއާއެކު ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ ސަލާމަތް ހޯދައިދޭނެ ޕާޓީ ކަމަށެވެ. އަދި ވިދާޅުވީ ދަރަނި ދައްކާނެ ގޮތް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށާ އަދި ރާއްޖޭގެ އާންމު ހާލަތު ރަނގަޅު ކުރަން ދެން ކުރަން އޮތީ ކޮން ކަމެއްްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް. މި ޕާޓީއަކީ ރަނުން ރަނަށް މިން އަޅާނެ ޕާޓީއެއް," ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.
ދެ އަހަރު ފަހުން ނަޝީދު އަލުން އެމްޑީޕީއަށް، ޝުކުރުގެ ލިސްޓްގައި ސޯލިހްގެ ނަމެއް ނުހިމެނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ