އަހަރެމެންނަށް މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ކަންކަމުގެ މުހިންމުކަން ވަޒަންކުރަން ނުއެނގުމެވެ. މިޘާލަކަށް ބުނާނަމަ ވަޒީފާ ދިން މީހާ ވަކިކަމެއް ވަކި ގޮތަކަށް ކުރަން ބުނާނީ އެކަމެއް އެގޮތަށް ކުރުން ކިހައި މުހިންމުވީމާކަން ވިސްނަން ނުއެނގެނީއެވެ. އެކަން އެނޫން ގޮތަކަށް ކޮށްފިނަމަ އޭނާ ހިތްހަމަ ނުޖެހޭނެކަން އެނގޭއިރުވެސްމެއެވެ.
ވަޒީފާ ނުލިބުމާއި ވަޒީފާ ގެއްލުމުގެ ވާހަކަތައް އަހުރެމެން އަބަދު ދައްކާއިރު ވަޒިފާ ލިބުމުން ޢަމަލުކުރެވޭ ގޮތާއިމެދު ވިސްނައިލެވެނީ މަދުމީހެކެވެ. ވަޒީފާ ލިބުމަށްފަހު ވަޒީފާދިން މީހާ ކުރާ އަމުރަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ކުރާ އަމުރެއްނަމަ އެ އަމުރަކަށް ވީހައި ފުރިހަމައަށް ޢަމަލުކޮށް ކިޔަމަންތެރިވާން ޖެހޭނެއެވެ. ނޫންނަމަ ވަޒީފާ ގެއްލުން އޮންނާނީ ދާދި ގާތުގައެވެ.
ދެން ބަލައިލަންވީ އަހަރެމެން ދުނިޔެއަށް ފޮނުއްވަވައި އަހަރެމެންނަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކޮށްދެއްވަވާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށެވެ. މުސްލިމަކަށްވުމަށްފަހު އެންމެ ބޮޑަށް ޢަމަލުކުރަންޖެހޭނީ ފަރުޟު 5 ނަމާދުކުރަން އޮތް އަމުރުފުޅަށެވެ. ފަރުޟު 5 ނަމާދު އެނަމާދުގެ ވަޤުތުތަކުގައި އަދާނުކުރަން ދެއްކޭނެ ބަހަނާއެއް ނުއޮންނާނެއެވެ. ނިދުމާއި ހަނދާން ނެތުން ފިޔަވައި ދެއްކޭބެ އެއްވެސް ޢުޛުރެއް ނުއޮންނާނެއެވެ. އަދި އެއިން ސަބަބެއް މެދުވެރިވެގެން ނަމާދު އެޅުނަސް ޤަޟާކުރަން ޖެހޭނެއެވެ. ވީމާ އެނގިގެންދަނީ 5 ނަމާދު ހަމައަށް ނުކޮށް ހުރެވޭނެ އެއްވެސް ގޮތެއް ނެތްކަމެވެ.
މިޘާލަކަށް މީހަކު އަލަށް އިސްލާމްވީއެވެ. އޭނާ އިސްލާމްވާއިރު ނަމާދުގައި ކިޔަންޖެހޭ ތަކެތި ނުއެނގިދާނެއެވެ. އލްޙަމްދުކިޔަންވެސް ނުއެނގިދާނެއެވެ. އެޙާލަތުގައި ސުބްހާނަﷲ، އަލްޙަމްދުލިﷲ، ފަދަ ކަލިމަތައް ކިޔަމުން ނަމަވެސް ޖެހޭނީ ނަމާދުކުރާށެވެ. ވީހާއަވަހަކަށް ނަމާދުގައިކިޔާތަކެތި ދަސްކުރަން މަސައްކަތްކުރަންޖެހޭނެއެވެ.
ފަރުޟު ނަމާދުތަކަށް މިހައި މިންވަރަށް ރައްކައުތެރިވާންޖެހޭނެއިރު އަހަރެމެންގެ ތެރެއިން ފަރުޟު 5 ނަމާދު ކޮންމެ ދުވަހަކު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 27 ގުނައަށް ޘަވާބުލިބެން އޮތްއިރުވެސް ޖަމާޢަތުގައި ނަމާދުތައް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ނަމާދުކުރަން މިހައި ބޮޑަށް ބާރު އަޅުއްވަވާފައި އޮތްއިރުވެސް ނަމާދުނުކުރީމާވެސް ﷲ ތަޢާލާ އެމީހަކަށް ރިޒުޤް ދެއްވަވާކަން އެއީވެސް އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނޫންހެއްޔެވެ؟ ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު ބޭރުނުކުރައްވަވައި ބަހައްޓަވާކަމަށްޓަކައި ޝުކުރުވެރިވާން ނުޖެހޭހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން
ހުރިހާވެސް މައްސަލައަކީ މުސްލިމުންނާ ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު މަސްއޫލިޔަތަށް ފަރުވާކުޑަކުރެވުން!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ