ކުޅުދުއްފުށީގައި ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕްރޮގުރާމުގައި އާންމު ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ފަރުހަތު ވިދާޅުވީ، މަޝްރޫއުތައް މަޑުޖެހިފައިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މަޑުޖެހިފައިވާ މަޝްރޫއުތައް ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް އަބަދުމެ ގެންނަމުންދާ ކަމަށާއި މިހާރު ބައެއް މަޝްރޫއުތައް ހަވާލުކުރެވިފައިވާކަން ފަރޭ ފާހަގަކުރެއްވި އެވެ.
އެގޮތުން ޓިވެޓް ސެންޓަރާއި ހުއްޓިފައިހުރި ދަމަނަވެށީގެ މަސައްކަތް ފެށުމަށް އާރުޑީސީއާ ހަވާލުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
" [ އެޕްރޮގުރާމަށް އާންމު ރައްޔިތަކުން ފޮނުވި ސުވާލަކީ:] ދާއިރާގެ ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް ފަރުހަތު ހޮވީ ވަރަށް އުންމީދާއެކު ކަމަށާ ކުޅުދުއްފުށީގައި މިވަގުތު މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ފަރުހަތުކުރައްވާ މަސައްކަތްތަކަކީ ކޮބާތޯ؟ އެވެ. [އެ ސުވާލަށް ޖަވާބު ދެއްވަމުން ފަރުހަތު ވިދާޅުވީ] އާދެ އެހީ އަޅުގަނޑުވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް. ކުޅުދުއްފުށީގައި މިވަގުތު މަޑުޖެހިފައި ހުރި މަޝްރޫއުތައް ނުހިނގަ ހުރި މައްސަލަތައް. ދެން އެކަމުގެ ކަންބޮޑުވުން ޑެއިލީ ހަމަ އެކަމުގެ އިދާރާތަކަށް ސަމާލުކަމަށް ގެންނަމުން މިދަނީ."
މަޝްރޫއުތައް އަވަސްކޮށް ކުރިއަށްގެންދިޔުމަށް ދާއިރާއިން ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެކަންތައްތައް މިނިސްޓްރީތަކާ ވާހަކަދައްކައިގެން ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަރޭ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކަށްވާއިރު ކައުންސިލާ ގުޅިގެން ކުރަން ޖެހޭ މަސައްކަތުގައި ކައުންސިލުން ކިހާވަރަކަށް އެއްބާރުން ލިބޭތޯ އެހުމުން ފަރުހަތު ވިދާޅުވީ، ތަރައްގީގެ މަސައްކަތުގައި ސިޓީ ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމަށެވެ. ސަރުކާރުން ކުރާ ތަރައްގީގެ މަސައްކަތަށް ހުރަސް އަޅައި ޖެއްސުން ކުރާ މަންޒަރެއް ނުފެންނަ ކަމަށާއި މަސައްކަތްކުރަމުންދަނީ ވަރަށް ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ މަޝްރޫއުތައް މަޑުޖެހިފައިއޮތުމަކީ ބޮޑު ކަންބޮޑުވުމެއް، ހައްލުކުރަން ދަނީ މަސައްކަތްކުރަމުން: ފަރުހަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ