ސަމާލުވޭ، ޓީމޫގެ ނަމުގައި ވެސް ސްކޭމްތައް ހިންގަން ފަށައިފި

ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ އޮންލައިން ވިޔަފާރި ޕްލެޓްފޯމު، ޓީމޫގެ ނަމުގައި ވެސް ސްކޭމްތަކެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތަފްސީލް - ފުލުހުންގެ އިދާރާއިން ބުނިގޮތުގައި މި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓުތައް ހެދުމާއި އޮޅުވާލުމަށް ފިޝިން މެސެޖުތައް ފޮނުވުމާއި މި ލިންކުތައް މެދުވެރިކޮށް ޕޭމަންޓު މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ.
ފުލުހުން ފާހަގަ ކުރި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ:
ފިޝިން މެސެޖްތަކާއި އީމެއިލްތައް: މިއީ ޓީމޫ ނުވަތަ ކުރިއާ ހިދުމަތްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެއް. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތައް
 ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި، ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި ކްރެޑިޓް ކާޑު މައުލޫމާތު ހޯދާ
 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، ފުލުހުން ބުނާގޮތުގައި، މަކަރުވެރިންނަށް މި ކާޑުތަކަށް ފަސޭހައިން އަމާޒުކުރެވޭ. އެ ބޭނުންކުރާ މީހުން، ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، ސްކޭމަރުންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ
މި ސްކޭމްތަކުން ރައްކާތެރިވާނީ ކިހިނެއް؟
ފުލުހުން ވަނީ މި ފަދަ ސްކޭމްތަކަށް ސަމާލުކަންދީ ރައްކާތެރިވާނެ ގޮތް ކިޔައިދީފަ އެވެ. އެއީ:
ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން
ޓީމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނުވަތަ ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާހިލާފު ޑޮމެއިންތަކަށް) ސަމާލުވުން
'ޕާރުސަލް ލިބިފައެއް ނުވޭ' ނުވަތަ 'ޑެލިވަރީ އެޑްރެސް ރަނގަޅެއް ނޫން،' ނުވަތަ 'ވަގުތުން ފިޔަވަޅު އަޅަންޖެހޭ' ފަދަ އިބާރާތްތަކަށް ސަމާލުވުން
 ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން
ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން
ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ ހަދާނީ ކިހިނެއް؟
ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން
ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން
ހުރިހާ މުއާމަލާތެއްގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓުފޯމަށް ރިޕޯޓުކުރުން
ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން 
އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ