ޖެނެރޭޝަނަލް ބޭންގެ ދަށުން، ސިނގިރޭޓު ގަންނަ މީހާގެ އުމުރު އަބަދުވެސް ޔަގީންކުރަން ޖެހޭނެ: ހަސަން

ޖީލަކަށް ދުންފަތް މަނާކުރުން ނުވަތަ "ޖެނަރޭޝަނަލް ބޭން" ރާއްޖޭގައި ތަންފީޒު ކުރުމަށް، ދުންފަތުގެ ބާވަތްތައް ވިއްކާ ކޮންމެ ފަހަރަކު އެ ގަންނަ މީހާގެ އުމުރު ޔަގީންކުރަން ޖެހޭނެކަމަށް އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވެއްޖެއެވެ. 2007އިން ފެށިގެން އުފަންވި ޖީލަށް ސިނގިރޭޓު މަނާކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް ސަރުކާރުން ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ. https://sun.mv/204728 މިކަމާ ގުޅިގެން އެސްއެސްޓީވީގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތައް ވިއްކާއިރު، އެ ގަންނަ މީހާގެ އުމުރު ޔަގީންކުރުމަކީ މިހާރު ވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ކާކުކަން ނޭނގޭ ނުވަތަ އުމުރު ޔަގީން ނުކުރެވޭ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތައް ގަތުން މިހާރު ވެސް މަނާކަން އޭނާ ފާހަގަ ކުރެއްވިއެވެ. "އޮންލައިންކޮށް ވިއްކުން މަނާ، ފޯނު ކޮށްލައިގެންނެއް، ވެންޑިން މެޝިނުން، ޑެލިވަރީ ސާވިސްއަކުންނެއް މިފަދަ އެއްޗެހި ނުގަނެވޭ،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިކަންކަން އޮތީ ތަންފީޒު ނުކުރެވި ކަމަށާއި މިހާރު ސިނގިރޭޓު ގަންނަން އަންނަ މީހާއަށް ބަލައިލައިފައި އޭނާގެ އުމުރު އަންދާޒާ ކުރުމަށްފަހު އޭނާއަށް ސިނގިރޭޓު ވިއްކުމަކީ އެ ވިއްކާ މީހާގެ އިޚުތިޔާރުގައި އޮންނަ ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ. "މިހާރު މިއައި ބަދަލުގައި ވާގޮތަކީ ވަރަށް އުމުރުން ބޮޑުވެފައި ހުންނަ މީހަކު ވެސް ވެދާނެ އެއްކަލަ [ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ] ޖީލުގެ މީހަކަށް. އެހެންވީމައި ހަމައެކަނި އަންނަ ތަފާތަކީ ދުންފަތުގެ ބާވަތެއް ވިއްކާ ކޮންމެ ފަހަރަކު ވެސް އުމުރު ބަލަންޖެހޭ. އުމުރު ބަލާފައި ވިއްކަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، މިކަން ތަންފީޒު ކުރުމަކީ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. މިކަން ތަންފީޒުކުރަން ބޭނުންވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް ޒިންމާދާރުވެ ގާނޫނާ ގަވާއިދާ އެއްގޮތަށް އަމަލު ކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވިދާޅުވީ، ޖެނެރޭޝަނަލް ބޭންއަކީ އޭގެ ޒާތުގައި އެކަނި ތަންފީޒު ކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. އެއާއެކު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހުރިހާ ގާނޫނަކާއި ގަވާއިދެއް ވެސް ތަންފީޒު ކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ. "ޖެނެރޭޝަނަލް ބޭން އަންނަން މި ޖެހެނީ ވެސް އަސާސީ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ވަރަށް ޚާއްސަ ކަންތައްތައް ކުރަމުން ގޮސް ވަކި ވަރަކަށް ކާމިޔާބު ވީމައި،" އޭނާ ވިދާޅުވިއެވެ. އެ ކާމިޔާބީއާ ހަމައަށް ރާއްޖެ ވާސިލުވެއްޖެ ކަމަށް އޭނާއަށް ގަބޫލު ނުކުރެވުނު ނަމަވެސް، ގާނޫނީގޮތުން ނިންމާފައި ހުރި ނިންމުންތަކާއި ކަނޑައަޅާފައި ހުރި ސިޔާސަތުތަކަށް ބަލާއިރު ދުނިޔޭގައި މިކަމާ ގުޅުންހުރި ޖަމިއްޔާތަކުން ބަލާ މިންގަނޑުން ރާއްޖެ އޮތީ ޖެނެރޭޝަނަލް ބޭންއަކާ ހަމައިގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޖެނެރޭޝަނަލް ބޭންއެއް ގެނައެއްކަމަކު، ދުންފަތާ ދެކޮޅަށް ކުރާ އެހެނިހެން މަސައްކަތްތައް ފަނޑުވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރައްޖޭގައި ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާއިރު، މި ފިޔަވަޅުތައް ތަންފީޒު ނުކުރެވޭ ވާހަކަ ދޭތެރެއަކުން ފެންމަތިވެއެވެ. ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ، މިދިޔަ ޑިސެމްބަރު މަހު ވޭޕާއި އީ ސިނގިރޭޓު މަނާކޮށްފައެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު 31ގައި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފައެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ޚާއްސަ ލައިސެންސް ނަގަން ވެސް ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އަންގާފައެވެ. https://sun.mv/204914 މިހާރު ވެސް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކިން ސިނގިރޭޓު ނުވިއްކުން ފަދަ ގަވާއިދުތައް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހަދާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ