7 ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ، 70 ޕަސެންޓު ރިޒޯޓުތަކަށް
މި އަހަރުގެ މިހައިތަނަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 70 އިންސައްތަ ފަތުރުވެރިން އައީ ރިޒޯޓުތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހައިތަނަށް ރާއްޖެ އައީ 729،932 ފަތުރުވެރިންނެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދެދެކެވެ. މީގެ ތެރެއިން 70 އިންސައްތަ ފަތުރުވެރިން ރިޒޯޓުތަކަށް އައިއިރު، އެ އަދަދު ޖުމްލަ 510،775އަށް އަރައެވެ. ދެން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 24.5 އިންސައްތަ ހިއްސާކުރާ، 178،714 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 80،563 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެއީ މި އަަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 11 އިންސައްތައެވެ. މިދިޔަ އަހަރުގެ ޓޮޕް މާކެޓު ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތަކީ މިހާރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. އެ ގައުމުން 70،896 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ރަޝިޔާއިންނެވެ. އެ ގައުމުން ވަނީ 75،836 ފަތުރުވެރިން ރާއްޖެ އައިސްފައެވެެ. އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.4 އިންސައްތައެވެ. މި އަހަރުގެ ހަތަރުވަނަ މަސް ގުނަމުންދާއިރު، ފާއިތުވެދިޔަ ކޮންމެ މަހެއްގައި ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ އިތުރެވެ. މިއީ ހަ އިންސައްތައިގެ ކުރިއެރުމެކެވެ. މި މަހުގެ ތެރޭގައި 97،000އަށްވުރެ ގިނަ ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. މީގެ ތެރެއިން އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް، 8،778 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 2024 - 2،046،615 2023 - 1،878،543 2022 - 1،675،303 ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމަކީ ރާއްޖެއަށް ހަދައި، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ