އެމްޓީސީސީގެ ފްލެޓުތަކުން 39 މިލިއަން ގެއްލުނު މައްސަލާގައި 5 ބޭފުޅަކަށް ދައުވާކޮށްދޭން އެދިއްޖެ

އެމްޓީސީސީގެ މުވައްޒަފުންނަށް ފްލެޓު ދޭން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޓަވަރު އެޅުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އިތުރު ހަތަރު ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދޭން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި 'ހިޔާ' މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ އަޅަން ހަވާލުކުރި ފްލެޓުތަކުގެ ތެރެއިން އެމްޓީސީސީގެ މަޝްރޫއު ދިނީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ކުންފުންޏަށެވެ.
އެ މަސައްކަތް ނިންމަން ދެ އަހަރު ދިނަސް، އެ މަޝްރޫއުގެ މަސައްކަތެއް ނުނިމެ އެވެ.
ވީ ކިހިނެއް؟ - އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އިއްޔެ ފޮނުވި މައްސަލާގައި ދައުވާކޮށްދިނުމަށް އެދުނީ:
ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހު، ބަގީޗާގެ/އައްޑޫ މަރަދޫފޭދޫ
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑަ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުންނެވި ޝިފާއު އަލީ، ހ. ފެއަރީޕެލަސް 
ހުސެން ޒުހުރީ، ޕާކީޒާ/ށ. ކޮމަންޑޫ - އެމްޓީސީސީގެ ޓެންޑަ އިވެލުއޭޝަން ކޮމިޓީގައި އޭރު މެމްބަރަކަށް ހުންނެވި
މުޙައްމަދު ނާޒިމް، މ. ޕޮމްޕިޔާ - އެމްޓީސީސީގެ ޓެންޑަ އިވެލުއޭޝަން ކޮމިޓީގައި އޭރު މެމްބަރަކަށް ހުންނެވި
އިސްމާއިލް އަދުހަމް، ގ. ނިލަ - އެމްޓީސީސީގެ ޓެންޑަ އިވެލުއޭޝަން ކޮމިޓީގައި އޭރު މެމްބަރަކަށް ހުންނެވި
ތަފްސީލް - އެ ފަސް ބޭފުޅުންގެ މައްޗަށް ކޮށްދޭން އެދުނު ދައުވާތަކަކީ:
ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ 
ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ
އޭގެ އިތުރުން، ޝިފާއުގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް ކޮށްދޭން ޕީޖީން އެދިފައިވެ އެވެ.
އޭސީސީން ބުނީ:
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓު ދިން
އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާތިލު ކުރަންޖެހޭ ފަދަ ހިލާފުތައް ވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް 'އެޑްވާންސް ޕޭމަންޓް' އާއި 'ޕްރޮގްރެސިވް ޕޭމެންޓް'ތައް ދޫކޮށްފައިވޭ
"އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާތިލުކޮށްފައެއް ނުވެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
"މި އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަނީ ވެފަ އެވެ."
އެއާ އެކު، އޭސީސީން ވަނީ މާލީ ގެއްލުމުގެ ގޮތުގައި ލިބުނު 39.2 މިލިއަން ރުފިޔާ އާއި އިތުރު މާލީ ގެއްލުންތައް ވެސް ހިސާބުކުރުމަށް ފަހު އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ