ނަތީޖާތައް ރަނގަޅު ނުކުރެވިއްޖެނަމަ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް އަމޮރިމް ބުނެފި ނަތީޖާތައް ރަނގަޅު ނުކުރެވިއްޖެނަމަ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް އަމޮރިމް ބުނެފި

މެންޗެސްޓާ (މެއި 12) - މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ އަށް މެޗުތަކުގައި ނަތިޖާ ނުނެރެވޭނަމަ އެ ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ޔުނައިޓެޑާ މި ސީޒަނުގެ މެދުތެރެއިން ހަވާލުވި ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ބުނެފި އެވެ.
ޔުނައިޓެޑުން މި ސީޒަން ފެށީ ނެދަލެންޑްސްގެ ކޯޗު، އެރިކް ޓެން ހާގާ އެކު އެވެ. އެކަމަކު، ނޮވެމްބަރު މަސް ތެރޭ ޓެން ހާގް ވަކިކޮށް، ސްޕޯޓިން ލިޒްބަންގެ ކޯޗަކަށް ހުރި އަމޮރިމް، ޔުނައިޓެޑަށް ގެނައީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއް ދީފަ އެވެ.
ޔޫރޮޕާ ލީގުގައި މެޗަކުން ބަލިނުވެ، ޔުނައިޓެޑުން ފައިނަލަށް ދަތުރުކުރި ނަމަވެސް، އެ ޓީމު ޕްރިމިއާ ލީގުގައި ފެންނަނީ ވަރަށް ދަށްކޮށެވެ. ލީގުގައި މިހާތަނަށް 17 މެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު، މިއީ، 1973-1974 ސީޒަނަށް ފަހު ޔުނައިޓެޑް ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ފަހަރެވެ.
ލީގުގައި ރޭ ވެސްޓް ހޭމް އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް 2-0 އިން ބަލިވި މެޗަށް ފަހު، އަމޮރިމް ބުނީ، ޔުނައިޓެޑަށް މެޗަކުން ބަލިވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވި، އެކަމާ މެދު ނުވިސްނައި، ރަނގަޅުކުރަން އެންމެ ބޭނުންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ކްލަބްގެ ހައިބަތަށް އޭގެއިން އަސަރުކުރާނެ ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމަކަށް މެޗުތަކުން ބަލިވުން އާދަޔަކަށްވެ، އެއީ ބޮޑު ކަމަކަށް ނުވާނަމަ، މި ކްލަބް މި ދަނީ ނުރައްކަލެއްގެ ތެރެއަށް،" އަމޮރިމް ބުންޏެވެ "މިހެން މިކަންދާނަމަ، އަހަންނަށް ވެސް މި މަގާމުގައި ނުހުރެވޭނެ، އަހަރެން ވެސް ޖެހޭނީ ދާން،"
ޖެނުއަރީ 26 ގެ ފަހުން، ލީގުގައި ޔުނައިޓެޑް މޮޅުވީ، ރެލިގޭޓްވެފައި އޮތް ލެސްޓާ ސިޓީ އާއި އިޕްސްވިޗް ޓައުން އަތުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޔުނައިޓެޑް މޮޅެއް ނުވެ އެވެ.
"އެންމެން ވެސް ވިސްނައިގެން އެ ތިބީ ފައިނަލަށް (ޔޫރޮޕާ ލީގުގެ ފައިނަލްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށް). ފައިނަލަަކީ އެއް ނޫން ވިސްނަން ޖެހޭ ކަމަކީ، ކްލަބެއްގެ ގޮތުގައި އަހަރެމެން ކުރިއަށްދާން ބަލާއިރު، ވިސްނަން ޖެހޭ، ރަނގަޅު ކުރަން ޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުރި،"
ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ 16 ވަނައިގަ އެވެ. މޮޅުވާ ޓީމަށް ތިން ޕޮއިންޓް ދޭ ސިސްޓަމަށް ކުޅެން ފެށި ފަހުން، މިއީ، އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ތާރީހުގައި ވެސް ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނެވެ. އެންމެ ފަހުން، މި އަށް ވުރެ ދަށް ސީޒަނެއްގެ ގޮތުގައި ޔުނައިޓެޑަށް އޮތީ، 1930-1931 ވަނަ އަހަރެވެ. އެ ފަހަރު ޔުނައިޓެޑަށް ލިބުނީ 42 މެޗުން 29 ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ