ސިޔާމް، ނަރުހުންނަށް: ޚިދުމަތުގެ ސަފުން ކުޑަ ހިނދުކޮޅަކަށް ވެސް އެއްފަރާތްވާން ނުވިސްނާ!

ނަރުހުންނަކީ ޚިދުމަތުގެ ސަފުގެ އެންމެ މަތިން ޖާގަ ލިބޭނެ ބައެއްކަމުން ޚިދުމަތުގެ ސަފުން އެންމެ ހިނދުކޮޅަކަށް ވެސް އެއްފަރާތްނުވާން އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ. މިއަދު ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅިގެން ސިޔާމް ދެއްވި ޚިޠާބުގައި ވިދާޅުވީ، ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ނަރުހުންނަށް ހެޔޮ އެދުމާއި، ތަހުނިޔާ އެމަނިކުފާނުގެ އަމިއްލަ ނަމުގައާއި، އެމްޑީއޭގެ އެންމެހައި މެންބަރުންގެ ނަމުގައި ފޮނުއްވާ ކަމަށެވެ. ނަރުހުންގެ ޚިދުމަތާ މެދު އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ، ނަރުހުންނަކީ އެބައެއްގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރުމަށް އަހަރެމެން އެންމެން ދަރަނިވެރިވެފައިވާ ފަދަ އަގުހުރި ޚިދުމަތްތަކެއް އިންސާނިއްޔަތަށްޓަކައި ކުރައްވަމުން ގެންދަވާ ޚިދުމަތްތެރި ބައެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ކޮންމެ ފަދަ ބަލި ހާލަތެއްގައިވާ އިންސާނަކު ވިޔަސް، ނަރުހުންގެ ޖަގަހައަށް އެ ބަލިމީހާ ވަންނަ ހިސާބުން، އެ ޚިދުމަތްތެރި އަތްތަކުން ލޯތްބާއި، އޯގާތެރިކަމާއި، ކުލުނާ އެކު އެ ދެއްވާ ފަރުވާއާއި ހިތްވަރުގެ ބަސްތައް ވެގެން ދަނީ ބަލިމީހާގެ އެ ބަލި ހާލަތުން ސަލާމަތްވުމަށް ލިބޭ ހިތްވަރުގެ "ޓްރީޓްމަންޓަކަށް" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިފަދަ ޚިދުމަތްތެރި ބައެއްގެ އަގުވަޒަންކުރެވޭ މިފަދަ ދުވަހެއްގައި އަޅުގަނޑު ދިވެހި ލޮބުވެތި އެންމެހާ ނަރުހުންނަށް ގޮވައިމިލަނީ ނަރުހަކަށް ވީތީ ފަޚުރުވެރިވުމަށާއި، އިންސާނިިއްޔަތަށް ތިޔަ ފަދަ މާތް ޚިދުމަތެއް ކޮށްދެވޭތީ ތާއަބަދު މާތްﷲއަށް ޝުކުރުވެރިވުން މަތީ ދެމި ތިއްބެވުމަށް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ސިޔާމް ވަނީ ޚިދުމަތުގެ ސަފުގެ އެންމެ އުސްމިނުން ޖާގަ ކަށަވަރުކުރެވޭނެ ބަޔަކަށް ނަރުހުން ވީތީ، އެ ސަފުން ކުޑަ ހިނދުކޮޅަކަށް ވެސް އެއްފަރާތްވުމަށް ނުވިސްނުމަށް ނަރުހުންނަށް އިލްތިމާސްކުރައްވައިފައެވެ. ހަމަ ޔަގީނުން ވެސް ނަރުހުންނަށް ޝުކުރުއަދާކުރުމުގެ ލަފުޒުތައް ދުނިޔޭގެ ކަންކޮޅުތަކުން ތާއަބަދު އިވި ތަކުރާރުވަމުންދާނޭކަމީ ޝައްކެއް ވަހުމެއް އޮތް ކަމެއް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ