ޔުމްނު ވެއްޓުނު ހާދިސާ: ދެ ގެއެއް ބަލާ ފާސްކޮށްފި

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާގެ ކުރިން އޭނާއާ އެކު އުޅުނު މީހުންނާ ގުޅުން ހުރި ދެ އިމާރާތެއް ބަލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އާއި އޭނާއާ އެކު އެތަނުގައި ހުރި ރައުދު އަހުމަދު ޒިލާލުގެ އިތުރުން، އެރޭ އެހެން ގެއެއްގައި އިތުރު ހަތް މީހަކު އެކުގައި ހިމެނޭ ކަމަށާއި އެމީހުންނާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބަލާ ފާސްކޮށްފައި ވަނީ:
މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި އެގޭގެ ދޭ އަދި ހަތަރު ވަނަ ފަންގިފިލާ
ހ. ކަށިވެލި ތިން ވަނަ ފަންގިފިލާ
މާންދޫގޭ ދެކުނު ބަޔަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނު އާއި ރައުދުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި އިރު އޭނާއާ އެކު ހުރި ރައުދު މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ، ފުލުހުން ބުނިގޮތުގައި، ތަހުގީގަށް އެއްބާރުލުން ނުދޭތީ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައުދު އާއި ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
މައްސަލާގައި ހިމެނޭ އިތުރު ހަތް މީހެއްގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހިމެނޭ އިތުރު މީހުންގެ ވަނަވަރު:
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުރީ ރައީސް އޮފީހުގެ މަގާމެއްގައި)
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ