އަބްދުﷲ މެޔަށް ތަދުވެގެން އުޅުނުއިރު ފުލުހުން ބުނީ އޭނާ "އޯކޭ" ކަމަށް: އެމްޕީ ފިރުޝާން

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫއިން ހައްޔަރުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް މަރުވި އަލްމަރްޙޫމް އަބްދުﷲ ރަޝީދު، މެޔަށް ތަދު އަރައިގެން އެ ވޭނުގައި އުޅުނުއިރުވެސް، ފުލުހުން ބުނީ އަބްދުﷲ "އޯކޭ" ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން މިފަދައިން ވިދާޅުވެފައިވަނީ، އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާ އާއި ހަވާލުނުކޮށް، އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން އެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދެއްކި ވީޑިއޯއެއް ރީޓުވީޓު ކުރައްވައެވެ.
ވީޑިއޯގައި ވާހަކަދެއްކި އަބްދުﷲ ގެ މަންމަ ބުނީ، ލޯންޗުގައި އޮވެ އަބްދުﷲ އޭނާގެ މެޔަށް ތަދުވާކަން ފުލުހުންގެ ކައިރީ ބުނި ކަމަށާއި، ތިމަންނާ މިއޮށް މަރުވަނީއޭވެސް ގޮވިކަމަށް އަދި ހޮސްޕިޓަލަށް ގެންގޮސްދިނުމަށްވެސް އެދުނު ކަމަށެވެ. އަދި އެވަގުތު އެ ލޯންޗުގައި ތިބި ފުލުހުން ބުނީ، އަބްދުﷲ "ފޭކް" ޖައްސަނީ ކަމަށް އަބްދުﷲ ގެ މަންމަ ބުނެފައިވެއެވެ. އެވަގުތު ލޯންޗު ކައިރީގައި ދާއިރާގެ މެމްބަރު ފިރުޝާން އާއި ރަށު ކައުންސިލްގެ ނައިބު ރައީސްގެ އިތުރުން ސިއްހީ މަރުކަޒުގެ މެނޭޖަރުވެސް ހުރި ކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ.
އަދި އެ ތިން ބޭފުޅުންވެސް އަބްދުﷲ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދުނު ކަމަށާއި، ފުލުހުން އޭނާ ހޮސްޕިޓަލަށް ނުގެންދާނަމަ ހޮސްޕިޓަލުން ޑޮކްޓަރަކު ގެނެސްދީފާނެކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ބުނިކަމަށް އަބްދުﷲ ގެ މަންމަ ބުނެފައިވެއެވެ. އެހެންނަމަވެސް މި ކަންކަމަށް ފުލުހުން ދިނީ ބީރު ކަންފަތެއް ކަމަށާއި، އަބްދުﷲ މަރުވެފައިވަނީ އޭގެ ދެގަޑިއިރެއްހާއިރު ފަހުން ކަމަށްބުނެ އަބްދުﷲ ގެ މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކޮށްފައިވެއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ޓުވީޓު ކުރައްވާފައިވާ މި ވީޑިއޯ ރިޓުވީޓު ކުރައްވާ މެމްބަރު ފިރުޝާން ވިދާޅުވީ، ވީޑިއޯގައި އަބްދުﷲ ރަޝީދުގެ މަންމަ އެ ދައްކަނީ ތެދު ވާހަކަ ކަމަށާއި، އެތަނުގައި ތިބި ފުލުހުންގެ ކައިރީގައި މެމްބަރު ފިރުޝާންވެސް އަބްދުﷲ އަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް އެދުނު ކަމަށް އަދި ފުލުހުން ބުނީ "އޭނަ އޯކޭ" ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާ އަކާއި ވާހަކަދައްކަވަމުން މެމްބަރު ފިރުޝާން ވިދާޅުވީ، މި މައްސަލައިގައި މެމްބަރަށް ފެނިވަޑައިގެންނެވި މަންޒަރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އާއިލާއިން އަވަހަށް ވަޅުލަން އެދުނު ނަމަވެސް އެމީހުންގެ ނުގަބޫލުގައި އަބްދުﷲގެ އޮޓޮޕްސީ ހެދުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އާއިލާއިން ބުނަނީ އޮޓޮޕްސީ ހަދައިފިނަމަ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށެވެ.
އަދި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ.
ޝަރީއަތުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ހޯމަ ދުވަހު އަބްދުﷲ ގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ