ހިޔާ ޓަވަރުތައް ވެސް ގޮނޑުކުރާ މައްސަލަ ބޮޑުވެއްޖެ

ގޭތެރެއިން ނެރޭ ކުނިތައް އަޅާ، ހިޔާ ޓަވަރުތަކުގެ ތިރި ވެސް ގޮނޑުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އެކަމާ ހިތްހަަމަނުޖެހުން ފާޅުކޮށް ބައެއް މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯގެ ހުސްކޮށް އޮންނަ ސަރަހައްދަށް، އެޕާޓުމަންޓުތަކުން ނެރެފައިވާ ބޮޑެތި ފަރުނީޗަރުތަކާއި ގޮދަނޑި އަދި ހިފާ ގެންގުޅޭ އެހެނިހެން ސާމާނުތަކާއި ފޮށިގަނޑުތައް އަޅާ ވަނީ ފުރާލާފަ އެވެ.
ތަފްސީލް - ކުނިތައް އެތަނުން ނެގުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. ނަމަވެސް އެޗްޑީސީން ބުނީ، ސާފުކުރާއިރަށް އެތަނަށް އަނެއްކާވެސް ކުނިއަޅާތީ، އެއީ އާންމުން ވެސް އެއްބާރުލުންދޭންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރާ މީހުން ދެނެގަނެ ތަކުރާރު ނުކުރުމަށް ނަސޭހަތްދީފައިވާ ކަމަށް ވެސް ބުންޏެވެ.
ރޯދަމަހާ ދިމާކޮށް، ގޭތެރެ ސާފުކޮށް ނެރޭ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލާ މައްސަލަ އަބަދު ވެސް ބޮޑެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 'އަމާން ޓަވަރު'ތަކުން ވެސް އެތަނުގެ ތިރިއަށް ކުނިއަޅާ ގޮނޑުކުރާ މައްސަލަ މިފަހުން ފެންމަތިވި އެވެ. އެ ތަން ސާފުކުރުމަށް ފަހު، އެފްޑީސީން ވަނީ ކުނިއަޅާ މީހުން ޖޫރިމަނާކުރަން ކުރަން ފަށާފަ އެވެ.
އެނގުން މުހިންމު - ގޭގެއިން އުކާލާ ކުނި އާންމު ސަރަހައްދުތަކަށް މިގޮތަށް ޖަމާކުރުމަކީ މަނާ ކަމެކެވެ. ގޭގެއިން އުކާލާ ފޮށިގަނޑު އަދި ފަރުނީޗަރު ފަދަ އެ ނޫން ވެސްބޮޑެތި ކުނިތައް ނައްތާލުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ. މިފަދަ ކުނިތައް އުކާލަން ވެމްކޯގައި ކޯލް އެންޑް ޕިކަޕް ސާވިސް (ކެޕްސް)ގެ ނަމުގައި ވަކި ހިދުމަތެއް ވެސް ގާއިމުކޮށްފައި ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ