ކުޅުދުއްފުށީގެ އަންހެން ދެ ގޮނޑިވެސް ނެގީ އެމްޑީޕީން

ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިވެސް އެމްޑީޕީން ކަށަވަރުކޮށްފި އެވެ.
އެގޮތުން މެދު އުތުރު ދާއިރާގެ ގޮނޑި ނެގީ އަކްބަރީ މުހައްމަދެވެ. އޭނާއަކީ މިދައުރުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރެކެވެ.
ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަކްބަރީއަށް ލިބިވަޑައިގެންނެވީ 339 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މާއިދާ ހަސަން ރަޝީދަށް ލިބިވަޑައިގެންނެވީ 169 ވޯޓެވެ.
ޕީއެންސީއަށް ކާމިޔާބުކުރެވޭނެކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ދާއިރާކަމަށްވާ، އިރު ދެކުނު ދާއިރާގެ ގޮނޑިވެސް ނެގީ އެމްޑީޕީގެ ކެންޑިޑޭޓް ސަލްމާ މުހައްމަދެވެ. ސަލްމާއަށް 382 ވޯޓް ލިބިވަޑައިގެންނެވި އެވެ.
ޕީއެންސީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު މުހައްމަދަށް ލިބިވަޑައިގެންނެވީ 260 ވޯޓެވެ.
ކައުންސިލްގެ މި ދައުރުގެވެސް އަންހެން ދެ ގޮނޑި ތަމްސީލްކުރައްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ އައިމިނަތު މަޖީދާ އާއި އާތިފާ އަލީ އެވެ. މި ދެ ބޭފުޅުން މިފަހަރުގެ އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ