ނަތަންޔާހޫ ހައްޔަރު ކުރުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަންގޭރީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް އޭނާ ހައްޔަރު ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ހަންގޭރީގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ. ނަތަންޔާހޫ ހަންގޭރީއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. "އައިސީސީ (އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް) އިން ވަކިވުމަށް ފިޔަވަޅު އެޅި ނަމަވެސް، ހަންގޭރީއަކީ އަދިވެސް އައިސީސީގެ މެމްބަރު ގައުމެއް. ކޯޓުން ހޯދަން ބޭނުންވާ ފަރާތްތައް ހައްޔަރުކޮށް ހަވާލުކުރުން ލާޒިމްވާނެ," ހިއުމަން ރައިޓްސް ވޮޗްގެ މެމްބަރެއް ކަމަށްވާ އެލިސް އޮޓިން ވިދާޅުވިއެވެ. އެ ޖަމިއްޔާއިން އެގޮތަށް ގޮވާލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން 2024 ވަނަ އަހަރު ނަތަންޔާހޫ އާއި އިސްރާއީލުގެ އޭރުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރާ ގުޅިގެންނެވެ. ނަތަންޔާހޫ މީގެ ކުރިން މިދިޔަ އަހަރު އޭޕްރީލް މަހު ވެސް ހަންގޭރީއަށް ވަޑައިގަތެވެ. ނަމަވެސް އެ ފަހަރު ވެސް ހައްޔަރުކޮށްފައެއްނުވެއެވެ. އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އައިސީސީ މުއާހަދާއިން ވަކިވާން ނިންމާފައިވާކަން ހަންގޭރީން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، ބައިނަލްއަގްވާމީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ހިއުމަން ރައިޓްސް ވޮޗުން ވަނީ ލުބުނާނާއި ޣައްޒާ އަދި އީރާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތައް ވެސް ކުށްވެރިކޮށް އަވަސް ގޮތެއްގައި އިންސާފު ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އައިސީސީގެ މެމްބަރުކަމުން ހަންގޭރީ ވަކިވުން އަނބުރާ ގެންދަން ބާރުއެޅުމަށް އީޔޫ އާއި އައިސީސީގެ މެމްބަރު ގައުމުތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އިސްރާއީލުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށިއިރު، 71،000 އަށްވުރެ ގިނަ މީހުން މަރުވެ، 172،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެއެވެ. އެ ސަރަހައްދުގެ މަދަނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަލާކުކޮށްފައިވާއިރު، ޣާޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އދ ން ލަފާކުރެއެވެ. އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް އިސްރާއީލުން ކޮންމެ ދުވަހަކު ދޭ ހަމަލާތައް އަދިވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ހަނގުރާމަ ހުއްޓާލި ފަހުން ފަލަސްތީނުގެ 677 މީހުން ޝަހީދުކޮށްލައި، 1،813 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ