އީރާނަށް ދިން ހަމަލާއާއެކު ތެލުގެ އަގު 10 ޕަސެންޓް މައްޗަށް

އީރާނުގެ މުހިންމު ތަންތަނަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 10 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 80 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެއެވެ. މިއީ ފާއިތުވި މަސްތަކުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. އިއްޔެ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިކަމުގެ ސަބަބުން ތެޔޮ އުފައްދާ މައި ސަރަހައްދުތަކުން ތެޔޮ ބޭރުކުރުމަށް ހުރަސްއެޅިދާނެކަމުގެ ބިރު އުފެދި، ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ޚާއްޞަކޮށް އީރާނުން ރައްދުގައި އަޅާފާނެ ފިޔަވަޅަކާމެދު ވިޔަފާރިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ "މަގު" ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލާ މައި މަގެވެ. ތެޔޮ އުފުލާ ބޮޑެތި ބޯޓުފަހަރު ނުވަތަ ޓޭންކަރުތައް އޮޕަރޭޓްކުރާ ބައެއް ކުންފުނިތަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. މިއީ ސަޕްލައިއަށް ދިމާވެދާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސައުދީ އަރަބިއްޔާ، އިރާގު އަދި ޔޫއޭއީ ފަދަ ގައުމުތަކުން ތެޔޮ ބޭރުކުރަން އޮތް މައި މަގަކީ މިއީ ކަމަށްވުމުން، މި މަގު ބަންދުވެއްޖެނަމަ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެއެވެ. އަގު 100 ޑޮލަރަށް އަރާފާނެ ކަމުގެ އިންޒާރު ތެލުގެ ބާޒާރު ދިރާސާކުރާ މާހިރުން ލަފާކުރާ ގޮތުގައި، ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުތަކަށް ހުރަސްއެޅިއްޖެނަމަ، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އޯޕެކް ޕްލަސްއިން މިއަދު ބާއްވާ ބައްދަލުވުމުގައި، ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމުމަކީ ގާތްކަމެކެވެ. ނަމަވެސް، ސައުދީ އަރަބިއްޔާ ފިޔަވައި އިތުރު ތެޔޮ އުފެއްދުމުގެ ގާބިލުކަން ހުރި ގައުމުތައް މަދުވުމުން މިކަމުގެ އަސަރު ކުޑަވެދާނެކަމަށް ބެލެވެއެވެ. މި ހާލަތާ ގުޅިގެން އޭޝިއާގެ ގައުމުތަކުން ދަނީ ތެލުގެ ރިޒާވްތައް ބަލަހައްޓައި، އަގު އުފުލިއްޖެނަމަ އިގުތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ޚާއްޞަކޮށް ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކަކީ މެދުއިރުމަތީގެ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކަށް ވާތީ، މި ގައުމުތަކުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ