ޚާމަނާއީ އަވަހާރަކޮށްލުމުން ދިވެހި ސަރުކާރު ހިމޭނުން، ތައުޒިޔާގެ މެސެޖެއް ވެސް ނެތް! ޚާމަނާއީ އަވަހާރަކޮށްލުމުން ދިވެހި ސަރުކާރު ހިމޭނުން، ތައުޒިޔާގެ މެސެޖެއް ވެސް ނެތް!

އިޒްރޭލާއި އެމެރިކާއިން އިރާނަށް ހޮނިހިރު ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަކޮށްލާފައިވާކަން އިއުލާންކުރިތާ އެތައް ގަޑިއިރެއް ފާއިތުވެގެންދިޔައިރު ވެސް ދިވެހި ސަރުކާރުން އެއްވެސް ބަހެއް ބުނެފައި ނުވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޚާމަނާއީއަކީ އިރާނުގެ އެންމެ މަތީ ވެރިޔާ އެވެ. އާންމު އުސޫލެއްގެ ގޮތުން އިސްލާމީ ގައުމެއްގެ މަތީ ވެރިޔަކު އަވަހާރަވުމުން ރަސްމީ ގޮތުން ދިވެހި ސަރުކާރުން ތައުޒިޔާގެ މެސެޖު ފޮނުވަ އެވެ. އަދި އެކަން ހާމަކުރެ އެވެ.
ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އިރާނުން ކަށަވަރުކޮށްދިނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. މި ހަބަރު ޝާއިއުކުރުމާ ހަމައަށް ރައީސް އޮފީހުން އަދި ފޮރިން މިނިސްޓްރީން ވެސް ތައުޒިޔާގެ މެސެޖެއް އިރާނަށް ފޮނުވާފައި ނުވެ އެވެ.
ހަމައެހެންމެ އިސްލާމީ ދައުލަތްތަކުގެ މަތީ ވެރިން އަވަހާރަވުމުން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވެސް މީގެ ކުރިން ސަރުކާރުތަކުން އަންގާފައިވެ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ވާނީ ސަރުކާރުގައި ސުވާލުކޮށްފަ އެވެ. ދިވެހި ސަރުކާރުން ތައުޒިޔާ ކިޔާފައިވޭތޯ ބެލުމަށާއި ހިތާމަ ފާޅުކުރުމުގެ ގޮތުން ދިދަ ބައިދަނޑިއަށް ތިރިކުރާނެތޯ ކުރި ސުވާލުތަކަށް މި ހަބަރު ޝާއިއުކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
މެއި 2024، ގައި އިރާނުގެ ރައީސަކަށް ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމުން ވެސް ސަރުކާރުން އަމަލުކުރީ އެގޮތަށެވެ. ޑިސެމްބަރު 2023، ގައި ކުވެއިތުގެ އަމީރު އަވަހާރަވުމުން ވެސް ދިވެހި ސަރުކާރުން އެގޮތަށް އަމަލުކުރި އެވެ. ނެމިބިއާގެ ރައީސް އަވަހާރަވުމުން ވެސް ސަރުކާރުން އެގޮތަށް އަމަލުކުރި އެވެ.
ހަމައެހެންމެ، ސައުދީގެ ރަސްގެފާނު އަވަހާރަވުމުންނާއި، ދެކުނު އެފްރިކާގެ ރައީސް އަވަހާރަވުމުންނާއި، ބަންގްލަދޭޝްގެ ރައީސް އަވަހާރަވުމުންނާއި ވެސް ކުރީގެ ސަރުކާރުތަކުން ރަސްމީކޮށް ތައުޒިޔާ ދަންނަވައި ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެ އެވެ.
އިރާނަކި ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވަނީ އިރާނަށް ތައުޒިޔާގެ މެސެޖު ފޮނުވާފަ އެވެ.
މެދުއިރުމަތީގައި އުޅޭ ދިވެހިން ހަމަލާތަކާ ގުޅިގެން ރައްކާތެރިކަން ހޯދަން އެންގި ނަމަވެސް މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ.
އިސްލާމީ ގައުމެއްގެ އެންމެ އިސްވެރިޔަކު އަވަހާރަވުމުން ދިވެހި ސަރުކާރު ހިމޭނުން އޮތުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ