ޚާމަނާއީ އަވަހާރަކޮށްލި ކަމަށް ނަތަންޔާހޫގެ އިޝާރާތެއް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނުގެ ރޫޙާނީ ލީޑަރު އަޔަތުއްﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލައިފައިވާކަމަށް ދޭހަވާހެން އިޝާރާތް ކުރައްވައިފިއެވެ ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ، ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ނުވަތަ އަވަހާރަކޮށްލާފައިވާ ކަމަށް ސީދާ ވިދާޅުވެ ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް، އޭނާގެ ވާހަކަފުޅު ހުރީ "ޚާމަނާއީގެ ދައުރު" ނިމުމަކަށް އައިސްފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުންނެވެ. މީގެ އިތުރުން، އީރާނުގެ ރައްޔިތުންނަށް، މަގުތަކަށް ނުކުމެ، މިހާރު ފެށިފައިވާ މަސައްކަތް "ނިންމާލަންވީ" ވަގުތު ޖެހިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ. ރޮއިޓާޒްއިން ބުނި ގޮތުގައި އެ ނޫހަށް މައުލޫމާތު ދެއްވި އިޒްރޭލުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޚާމަނާއީ ވަނީ އަވަހާރަވެފައެވެ. އަދި އޭނާގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، ޚާމަނާއީއަށް ވީގޮތެއް ނުވަތަ ހާލުކޮޅާމެދު އީރާނުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނާއި އިޒްރޭލުގެ މަސްރަޙު މިދުވަސްވަރު އިންތިހާއަށް ހޫނުވެފައިވާއިރު، ނަތަންޔާހޫގެ މި އިޝާރާތާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ މިކަމަށް ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ