މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކުލަވައިލާފައިވާ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން" އާ އެއްގޮތަށް، މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކަކުން އަދިވެސް ޕްރޮގްރާމްތައް އެކްރެޑިޓްކޮށްފައި ނުވާތީ، އެ އުސޫލުގެ ދަށުން ކޯސްތައް އެކްރެޑިޓްކުރުމަށް އެ އޮތޯރިޓީން އަންގައިފިއެވެ.
އެމްކިއުއޭ އިން ބުނީ، އައު އުސޫލުގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕްރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބައެއް މަރުކަޒުތަކުން ހިންގަމުންދާ ޕްރޮގްރާމްތަކަށް އައު ގައިޑްލައިންގެ ދަށުން އެކްރެޑިޓޭޝަން ހޯދުމަށް އަދިވެސް ހުށަހަޅާފައި ނުވާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ މަރުކަޒުތަކާ ބައްދަލުކުރުމަށް މިއަހަރުގެ ތެރޭގައި އެމްކިއުއޭ އިން މަސައްކަތް ކުރި ނަމަވެސް، ބައްދަލުކުރެވިފައިވަނީ ވަރަށް މަދު މަރުކަޒަކާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި މީގެ ތެރެއިން 30 ވަރަކަށް މަރުކަޒަކުން ދީފައިވާ އީމެއިލް އާއި ފޯނު ނަންބަރުތަކުން އެ ތަންތަނާ ގުޅޭގޮތް ނުވެފައިވާ ކަމަށްވެސް އެމްކިއުއޭ އިން ހާމަކޮށްފައިވެއެވެ.
އެމްކިއުއޭ އިން އިތުރަށް ބުނީ، ކަނޑައަޅާފައިވާ ތާރީޚަށް އެކްރެޑިޓޭޝަންގެ ކަންކަން ފުރިހަމަނުކޮށްފިނަމަ، އެ ކޯސްތަކަކީ ބާޠިލު ކޯސްތަކެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ. އެގޮތުން، އައު ގައިޑްލައިންގެ ދަށުން ހުއްދަ ނުނަގާ ހިންގާ ކޯސްތައް، 22 އޮކްޓޫބަރު 2027 އިން ފެށިގެން ބާޠިލުވާނެ ކަމަށް އެ އޮތޯރިޓީން އަންގާފައިވެއެވެ.
އައު ގައިޑްލައިންއަށް އެކްރެޑިޓް ނުކުރާ ކޯސްތައް ބާޠިލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ